އިސްލާމިކް ސްޓޭޓް (އައިއެސް) އިން ލީބިޔާގައި އިތިއޯޕިއާގެ 30 ނަސާރާއިން މަރައިލި ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފި އެވެ.

އައިއެސް އިން އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ގޮނޑުދޮށެއްގައި 15 މީހެއްގެ ބޯ ކަނޑައިލާ މަންޒަރާއި އެހެން ސަރަހައްދެއްގައި ހަމަ އެއަދަދުގެ މީހުންގެ ބޮލަށް ބަޑިޖަހައި މަރައިލާ މަންޒަރެވެ. އައިއެސް އިން ބުނެފައި މަރުގެ އަދަބު ދިނީ "މުސްލިމުން މެރުމަށް ނުކުމެ އުޅޭ ނަސާރާއިނަށް" ކަމަށެވެ.

އިތިއޯޕިއާ ސަރުކާރާ ހަވާލާދީ ރޮއިޓާސް ބުނީ ވީޑިއޯ އިން ފެންނަ މީހުންނަކީ އިތިއޯޕިއާ ރައްޔިތުންކަން ނުވަތަ ނޫންކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް އެ އަނިޔާވެރި އަމަލު އިތިއޯޕިއާ ސަރުކާރުން ކުށްވެރި ކުރަން،" އިތިއޯޕިއާ ސަރުކާރުގެ ތަރުޖަމާނު ރިޟުވާން ޙުސައިން ބުނި ކަމަށް ރޮއިޓާސް ބުންޏެވެ.

އޭނާ އަދި ބުނެފައި ވަނީ އިތިއޯޕިއާގެ އެމްބަސީއެއް ނުހުންނަ ގައުމެއް ކަމަށްވާ ލީބިޔާގައި ތިބި އެގައުމުގެ ރައްޔިތުން އެނބުރި ގައުމަށް އަންނަ ބޭނުންވާ ނަމަ އެކަމަށް އެހީތެރިވާނެ ކަމަށެވެ.