20 Apr 2015, 10:58
އދ. މަޖިލިސް (އެޕްރީލް 20) : ލީބިޔާ އިން ފުރައިގެން ޔޫރަޕަށް ދިޔުމަށް ދަތުރުކުރި އެފްރިކާގެ އެތައް ސަތޭކަ ބަޔަކު ތިބި ބޯޓެއް މެޑިޓަރޭނިޔަން ކަނޑަށް އިއްޔެރޭގައި ބަންޑުންޖަހާލައި އޭގެތެރެއިން 700 އަށްވުރެ ގިނަ މީހުން ޣަރަގުވެ މަރުވެގެން ދިޔުމަކީ މެޑިޓަރޭނިޔަން ކަނޑުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ގަތުލް އާންމުކަމަށް ރެފިއުޖީންނާބެހޭ އދ.ގެ ހައިކޮމިޝަނަރު ކަރްލޫތާ ސާމީ ސިފަކުރައްވައިފި އެވެ.
ކަރްލޫތާ ވިދާޅުވީ އިއްރޭ ހިނގީ ވަރަށްބޮޑު ކާރިސާއެއް ކަމަށާ މިފަދަ ކާރިސާތައް ކޮންމެ އަހަރަކު އެތަށް ފަހަރަކު ހިނގައި އެތައް ސަތޭކަ ބަޔަކު ކަނޑަށް ޣަރަގުވެ މަރުވަމުން ދާދިޔުން ހުއްޓުވިފައިނުވުމަކީ ލަދުވެތި ކަމެއްކަމުގައެވެ. މިމައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ލަކްސަންބާގް ގައި ބޭއްވުމަށްވެސް ރެފިއުޖީންނާބެހޭ އދ. ގެ ހައިކޮމިޝަނުންވަނީ ގޮވާލާފަ އެވެ. ނަމަވެސް މިބައްދަލުވުން ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއްނުވެ އެވެ.
މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ދިޔުމަށް މަސައްކަތްކުރާ މުހާޖިރުން ކަނޑަށް ޣަރަގުވެ މަރުވަމުންދާ މައްސަލާގައި ކަންބޮޑުވާކަން ފާޅުކުރައްވައި ޔޫރަޕްގެ ބައެއް ލީޑަރުންވެސްވަނީ ބަޔާންތައް ދެއްވާފަ އެވެ. މިގޮތުން މުހާޖިރުން ކަނޑަށް ޣަރަގުވ މަރުވާ މައްސަލަ ޙައްލުކުރުމަށްޓަކައި މެޑިޓަރޭނިޔަން ކަނޑު ގެ ގައުމުތައް ގުޅިގެން އެސަރަހައްދު ވައިގެ މަގުން ބެލެހެއްޓިދާނެ ކަމަށް ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ވިދާޅުވިއިރު އިޓަލީގެ ބޮޑުވަޒީރު މެޓިޔޯ ރިންޒީ ވަނީ މިކަމާބެހޭ ގޮތުން ވިލާތުގެ އިއްތިޙާދުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް މިހަފްތާގައި ބޭއްވުމަށް ގޮވާލައްވާފަ އެވެ. ރިންޒީ ވިދާޅުވީ ވިލާތުގެ ގައުމުތަކަށް ލިބިފައިވާ ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތަކުގެ އެހީއާއެކު އެގައުމުތައް ގުޅިގެން މަސައްކަތް ކޮށްފިނަމަ މިމައްސަލަ ޙައްލުކުރެވިދާނެ ކަމުގައެވެ.
މެޑިޓަރޭނިޔަން ކަނޑު ހުރަސްކުރާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ޔޫރަޕްގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ވެޑްރިކާ މޮގިރީނީ ވެސް ވަނީ ގޮވާލައްވާފަ އެވެ. މޮގިރީނީ ވިދާޅުވީ މެޑިޓަރޭނިޔަން ކަނޑު ހުރަސްކުރާ ގިނަ އަދަދެއްގެ މުހާޖިރުން ކަނޑަށް ޣަރަގުވެ މަރުވަމުންދާއިރު މިކަން ޙައްލުކުރަން މަސައްކަތް ނުކޮށް ޔޫރަޕް އޮވެގެން ނުވާނެކަމުގަ އެވެ.
އިޓަލީގެ ލަންބިދޫސާ އަށް ދިޔުމަށްޓަކައި ލީބިޔާ އިން ފުރައިގެން ދަތުރުކުރި އެފްރިކާގެ އެތައް ސަތޭކަބަޔަކު ތިބި ބޯޓެއް މެޑިޓަރޭނިޔަން ކަނޑަށް އިއްޔެރޭގެ ވަގުތެއްގައި ބަންޑުންޖަހާލައިވާ އިރު އޭގެ ތެރެއިން 700 އަށް ވުރެ ގިނަ މީހުން ޣަރަގުވެގެން މަރުވެފައިވާ ކަމަށްވަނީ ބެލެވިފަ އެވެ. ބަންޑުން ޖަހާލި ބޯޓުގައި ތިބި ކަމަށްވަނީ އެފްރިކާގެ އެކިގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ލީބިޔާގެ އައްސޭރިފަށުން 120 ކިލޯމީޓަރުގެ ދުރު ހިސާބަކަށް ބަންޑުންޖަހާލި މިބޯޓުގައި ތިބި ހަތްސަތޭކައަށްވުރެ ގިނަ މީހުންގެ ތެރެއިން އިޓަލީގެ ކޯސްޓް ގާޑުން ސަލާމަތް ކޮށްފައިވަނީ އެންމެ އަށާވީސް މީހުންނެވެ.
މިދިޔަ ހަފްތާގައި ވެސް ވަނީ މިފަދަ ބޯޓެއް މެޑިޓަރޭނިޔަން ކަނޑަށްފެތި 400 އަށްވުރެ ގިނަމީހުން މަރުވެފަ އެވެ. މިގެތެރޭގައި ވެސް ގިނައީ ޔޫރަޕަށް އެތެރެވުމަށް މަސައްކަތްކުރާ އެފްރިކާގެ ގައުމުތަކުގެ މީހުންނެވެ. (ރޮއިޓާސް)