20 Apr 2015, 10:02
ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.
ހަދިޔާ ކުރި ކަދުރު ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލު ކުރެއްވުމަށް ރާއްޖެ އަށް ވަޑައިގެންނެވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ފަރާތުން ޢަބުދުﷲ ޢަބުދުއްރަޙުމާން އަލް ޙުސައިނީ އާއި މުޙައްމަދު ޢަބުދުއްރަޙުމާން ބިން ސްބީޙު އެވެ. ފިނޭންސް މިނިސްޓްރީގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގެންނެވީ ފިނޭންސް މިނިސްޓަރުގެ ނާއިބު ޢަބުދުﷲ ނާޝިދު އެވެ.
ސައުދީ އަރަބިއްޔާ އިން މި އަހަރު ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ އަގަކީ 70666 ޑޮލަރު (1.1 މިލިޔަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މިފަހަރު ހަދިޔާ ކުރި ކަދުރުވެސް، ކުރިއަށް އޮތް މަސްތަކުގައި ކައުންސިލްތައް މެދުވެރިކޮށް
ރައްޔިތުންނަށް ބަހާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަދުރު ހަދިޔާކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ފާއިތުވި އަހަރު ވެސް އެގައުމުން ވަނީ ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ.