ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން އައްޑޫ ސިޓީގެ މަރަދޫގައި ގާއިމް ކުރި ފުޓްސެލް ދަނޑު ރަސްމީކޮށް ރޭ ހުޅުވައިފި އެވެ.

މަރަދޫ ފުޓްސެލް ދަނޑު ހުޅުވައިދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތައްޔިބު ވެސް ބައިވެރިވެެ ވަޑައިގެންނެވި އެވެ.

ރޭގެ ރަސްމިއްޔާތުގައި މަރަދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔަ މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާއި، އެ ދަނޑުގެ މަސައްކަތުގައި އެހީތެރިވެދިން ފެނެކަ ކޯޕަރޭޝަން އަދި އައްޑޫ ސިޓީ ކައުންސިލަށް ޔޫތު މިނިސްޓްރީގެ ފަރާތުން ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.

އައްޑު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ތައްޔިބު ވަނީ އެ ފުޓްސެލް ދަނޑަކީ އެ ރަށުގެ ޒުވާނުންނަށް ބޭނުންވާނެ ތަރައްގީގެ ވަސީލަތެއްކަން ފާހަގަކޮށް، އެ ދަނޑުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ރަށުގެ ޒުވާނުންނަށް ގޮވާލާފަ އެވެ.

އޭގެ އިތުރުން ތަރައްގީ އާއި ތަހުޒީބަކީ ކޮންމެ މީހަކު ވެސް ބެނުންވާނެ އެއްޗެއް ކަމަށާއި ސަރުކަރުގެ ތަރައްގީގެ މަޝްރޫތައް ތަންފީޒު ކުރުމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ރޭގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރު ތައްޔިބް ވަނީ ވިދާޅުވެފައެވެ.

ފުޓްސެލް ދަނޑު ހުޅުވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ޓީމަކާއި މަރަދޫ އިދާރާތަކުން ހޮވާލެވުނު ޓީމަކާ ދެމެދު މެޗެއް ކުޅުނެވެ. އެ މެޗުގައި ޔޫތު މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ މެޗުގެ އިތުރުން އެ ރަށުގެ އަންހެން ދެ ޓީމް ބައްދަލުކުރި މެޗެއް ވެސް ރޭ ވަނީ ކުޅެފައެވެ.

އައްޑޫ ސިޓީ މަރަދޫގައި ޔޫތު މިނިސްޓްރީން ހުޅުވި ފުޓްސެލް ދަނޑަކީ އެ ސިޓީގައި ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން ހުޅުވި ތިންވަނަ ދަނޑެވެ. އެ ދަނޑުގެ އިތުރުން، ހިތަދޫގައި ގާއިމްކޮށްފައިވާ ފުޓްސެލް ދަނޑު މިރޭ ހުޅުވަން ހަމަޖެހިފައި ވާއިރު، ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެންމެ ޒަމާނީ ފެންވަރުގެ 16 ދަނޑު ޔޫތު މިނިސްޓްރީން މިޙާރު ވަނީ ހުޅުވާފަ އެވެ.