23 Feb 2011, 14:40
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު ފުރާވަޑައިގެންފި އެވެ.
ރައީސް މި ދަތުރުފުޅަކީ، ސައުތު އޭޝިޔާ ސެންޓާ ފޮ ޕޮލިސީ ސްޓަޑީޒް (ސަސެޕްސް)އިން އިންތިޒާމް ކޮށްގެން މި ފެބްރުއަރީ މަހުގެ 24ގައި އިންޑިޔާގައި ފެށޭ ބައިނަލްއަޤްވާމީ ބައްދަލުވުމެއް ކަމަށްވާ، "ވާލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާ: ޑިމޮކްރަސީ، ސޯޝަލް ޖަސްޓިސް، އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގަތުމަށް، ސަސެޕްސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މި ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެމަނިކުފާނުގެ އިތުރުން، ނޯބެލް ޞުލްޙައިގެ އިނާމު ޙާޞިލު ކުރައްވާފައިވާ، ބަންގްލަދޭޝްގެ ޕްރޮފެސަ މުޙަންމަދު ޔޫނުސާއި، އިކޮނޮމިކްސްގެ ދާއިރާއިން ނޯބެލް އިނާމު ޙާޞިލު ކުރައްވާފައިވާ އިންޑިޔާގެ ޕްރޮފެސަ އަމަޓްޔާ ސެންވެސް މި ރަސްމިއްޔާތުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، މި ކޮންފަރެންސަކީ ޚާއްޞަކޮށް މި ސަރަޙައްދުގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވޭ ކޮންފަރެންސެއް ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް މިހާރު އަރާފައިވާ ޤައުމަކަށްވާތީ، ފަޤީރުކަމުން އަރައިގަތުމުގައި ގެންގުޅެވިދާނެ ސިޔާސަތުތަކާ ބެހޭ ތަޖުރިބާ ރާއްޖޭގައި އެބަހުރި ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި، ވެރިކަން ހިންގާ ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިޔާ ގާންދީއާއި، އިންޑިޔާގެ ތިމާވެށްޓާއި ބެހޭ ވަޒީރު ޖައިރާމް ރަމޭޝްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި އިންޑިޔާ ސަރުކާރުގެ އިސް އެހެން މަސްއޫލުވެރިންނާ ވެސް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ އެވެ.
މިގޮތުން، ރައީސުލްޖުމްހޫރިއްޔާއާއި ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މަޙްމޫދު ރާޒީ، އިންޑިޔާގެ ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވައި ސަރުކާރުގެ ހައުސިން ޕްރޮޖެކްޓަށް އިންޑިޔާ އިން ދެއްވާ ސާޅީސް މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްގައި ސޮއިކުރެއްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މީގެއިތުރުން، ދިއްލީގައި ކިޔަވަން ތިބި ދިވެހި ކިޔަވާކުދިންނާވެސް، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.