ޗައިނާގެ ރައީސް ޝީޖިންޕިންގް ރަސްމީ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ވަޑައިގަންނަވާ އިރު ޕާކިސްތާނުން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ.

ޕާކިސްތާނަށް ޝީޖިންޕިންގް ކުރައްވާ ދަތުރުފުޅާ ގުޅިގެން އިސްލާމްއާބާދުގެ އެކިސަރައްހައްދުތަކުން ފެނިގެން ގޮސްފައި ވަނީ ޗައިނާގެ ސަގާފީ ކުލަތަކެވެ. އަދި ޗައިނާގެ ރައީސް ޝީޖިންޕިންގް އާއި ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ފޮޓޯފުޅު ވަނީ އިސްލާމްއާބާދުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފަ އެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންގް ޕާކިސްތާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަށް އިސްލާމްއާބާދުގެ މަގުތައް ތައްޔާރުކޮށްފައި --- ފޮޓޯ/ އޭޕީ

މީގެއިތުރުން ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ތަފާތު އިބާރާތްތައް ލިޔެފައިވާ ބޯޑްތައް ވަނީ ހަރުކޮށްފަ އެވެ.

"ޕާކިސްތާނާ ޗައިނާގެ ގުޅުމަކީ ފަރުބަދައަށް ވުރެ އުސް ގުޅުމެއް، ކަނޑުތަކަށް ވުރެ ފުން ގުޅުމެއް، މާމުޔަށް ވުރެ ފޮނި ގުޅުމެއް، ދަނގަޑަށް ވުރެ ވަރުގަދަ ގުޅުމެއް،" އިނގިރޭސި ބަހުންނާ ޗައިނާބަހުން ލިޔެފައިވާ ބޯޑްތަކުގެ ތެރެއިން ބޯޑެއްގައިވެ އެވެ.

ހޯމަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ޝީވަނީ އެފްރިކާ އޭޝީއާގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑޮނޭޝިއާ އަށް ވަޑައިގެންފަ އެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންގް --- ފޮޓޯ/ އޭޕީ

ދެހާސް ތޭރަ ވަނަ އަހަރު ޗައިނާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ޝީ ޕާކިސްތާނަށް ވަޑައިގަންނަވާ އިރު މިއަހަރުގެ މިހާތަނަށް އެމަނިކުފާނު ވަނީ ދެކުނު އޭޝިއާގެ ތިން ގައުމަކަށް ވަޑައިގެންފަ އެވެ. އެއީ ދިވެހިރާއްޖެ އާއި ސްރީލަންކާގެ އިތުރުން އިންޑިއާ އެވެ.

ޝީޖިންޕިންގްގެ ދަތުރުފުޅާ ގުޅިގެން ޕާކިސްތާންގެ މީޑިއާ މެދުވެރިކުރައްވައި ޝީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ މިދަތުރުފުޅުގެ ސަބަބުން ޕާކިސްތާނާ އެކު އޮންނަ ގުޅުން ތަފާތު ގިނަ ދާއިރާތަކުން ބަދަހިވެ ފުޅާ ވެގެންދާނެ ކަމަށެވެ.

"މިއީ އަޅުގަނޑު ޕާކިސްތާނަށް ކުރާ ފުރަތަމަ ދަތުރު. އެހެންނަމަވެސް އަޅުގަނޑަށް އިހުސާސް ކުރެވެނީ އަޅުގަނޑަށް މިދެވެނީ އަޅުގަނޑުގެ އަހުން ގާތަށްކަމަށް،" ޝީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވީ ދެގައުމުގެ ގުޅުން ވަނީ ދެގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ފުންކޮށް ހަރުލާފައި ކަމަށާއި ދެގައުމުގެ މެދުގައި އޮތީ 'ދަނގަޑު ފަދައިން' ނުގުޑާނެ ގުޅުމެއް ކަމަށެވެ.

ޕާކިސްތާންގައި ޙަރަކާތްތެރިވާ ޗައިނާގެ ކޮންޓިންޖެންޓްގެ ބޭފުޅުން --- ފޮޓޯ/ އޭޕީ

"ޗައިނާއާ ޕާކިސްތާނާ މެދު އޮތީ ޒަމާންވީ 'ދަނގަޑު ގުޅުމެއް' އަދި ހުރިހާ ދާއިރާއެއްގައި ވެސް ދެގައުމުގެ ގުޅުމަކީ އިސްތީރާޖީ ކޯޕަރޭޝަނެއް. ޗައިނާގެ ރައްޔުތުންގެ މެދުގައި އެކި މުނާސަބަތުތަކުގައި ޕާކިސްތާނާ މެދު އޮތް ގުޅުން ދަނީ ޚާއްސަ ވަމުން،" ޝީ ވިދާޅުވެފައިވެ އެވެ.

ސީނުކަރައާއި އުރުދޫ ކަރަޔާ މެދު ވެވޭ ވިޔަފާރީގެ އެއްބަސްވުން

މިއަހަރު ތެރޭގައި ޗައިނާގެ އެންމެ އިސްލީޑަރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ވިޔަފާރި އާއި އިންވެސްޓްމެންޓްތަކުގެ ގޮތުގައި ކުރައްވާ އެއްބަސްވުންތަކުގެ އަގުތައް ހިމެނިގެން ދަނީ ބިލިއަން ޑޮލަރުގެ އަގުތަކަށް ވުރެ ވެސް މަތީގަ އެވެ. އޭޝިއާ އާއި އެފްރިކާގެ ގައުމުތަކަށް ވަޑައިގެންނެވިޔަސް އިގްތިސާދީ އެއްބަސްވުންތަކުގެ އަގުތައް އުޅެނީ މިމިންވަރުގަ އެވެ.

އެގޮތުން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އުމުރާނީ ތަރައްގީގެ ދާއިރާ އާއި ހަކަތައިގެ ދާއިރާއިން 45 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށް މާލީދާއިރާގެ ތަޖުރިބާކާރުން އަންދާޒާ ކުރައްވަ އެވެ. މިއީ ޗައިނާ އިން އިންޑިއާ ކަނޑުގައި ގާއިމު ކުރުމަށް ނިންމާފައިވާ މެރިޓައިމް ސިލްކް ރޫޓުން ޕާކިސްތާން ގުޅުވައިލުމަށްޓަކައި ސޮއިކުރަން ނިންމާފައިވާ އެއްބަސްވުންތަކެކެވެ. އެހެންކަމުން ސިލްކުރޫޓްގެ މޫތައް ޕާކިސްތާނާ ގުޅުވާލެވިއްޖެ ނަމަ މިއީ އެރަބިއަން ސީ އާ ގުޅިފައިވާ ޕާކިސްތާންގެ ގަވާދަރު ޕޯޓް މެދުވެރިކޮށް އިންޑިއާ ކަނޑުގެ ސަރަހައްދަށް ސިލްކުރޫޓް ފޯރުކުރުމަށް ހުޅުވިގެންދާ ދޮރެކެވެ.

އެރަބިއަން ސީ އާ ގުޅިފައިވާ ޕާކިސްތާންގެ ގަވާދަރު ޕޯޓް މެދުވެރިކޮށް އިންޑިއާ ކަނޑުގެ ސަރަހައްދަށް ސިލްކުރޫޓް ފޯރުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ޗާޓެއް

ފައިނޭންޝިއަލް ޓައިމްސްގެ އަންދާޒާތައް ބުނާ ގޮތުން 45 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްގެ ތެރެއިން 34 ބިލިއަން ޑޮލަރު އިންވެސްޓް ހަމަޖެހިފައި ވަނީ އާ ހަކަތައިގެ ސިނާއަތަށެވެ.

އަނެއް 11 ބިލިއަން ޑޮލަރުގެ އިންވެސްމެންޓްތައް ގުޅިފައިވަނީ ޗައިނާ އާއި ޕާކިސްތާން ގުޅުވައިދޭ ސަރަހައްދުތަކުގެ އިންފްރާސްޓަރަކްޗާ ތަރައްގީ ކުރުމަށެވެ. އެގޮތުން މިއިންވެސްޓްމެންޓްގެ ހިތެއް ކަމުގައި ވެގެންދާނީ 'ކަރާޗީ-ގަވާދަރު-ކަޝަގަރު' ގުޅުވައިދޭ ރެއިލްވޭ ސްޓޭޝަންއާއި ހައިވޭތަކެވެ. މިއީ ވެސް ސިލްކްރޫޓް އެއްގަމު މަގުން ގުޅުވައިލުމަށް ހަމަޖެހިފައިވާ އެއް ސަރަހައްދެވެ.

'ކަރާޗީ-ޤަވާދަރު-ކަޝަގަރު' ސަރަހައްދު މެދުވެރިކޯށް އެއްގަމު މަގުން ސިލްކްރޫޓް ގުޅުވަިދޭ ގޮތުގެ ޗާޓެއް

ޗައިނާއާ ޕާކިސްތާނުގެ މެދުގައި 21 މެއި 1951 ގައި ސިޔާސީ ގުޅުން ގާއިމް ކުރެވުނުއިރު މިއީ ވޭތުވެ ދިޔަ ނުވަ އަހަރު ތެރޭގައި ޗައިނާގެ އެންމެ އިސް ލީޑަރެއް ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މިދަތުރުގެ ކުރިން މިއަހަރުގެ ފެބްރުއަރީ މަހު ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ ވަނީ ޕާކިސްތާނަށް ވަޑައިގެންފަ އެވެ.