ދުންމާރި އާއި ތާޅަފިލިތަކުގެ އަޑުތަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓައިގެން ކުރިއަށް އެބަދެ އެވެ.

މަޖިލިސް ފެށުމާ އެކު އެމްޑީޕީގެ މެމްބަރުން ވަނީ ދުންމާރި އާއި ތާޅަފިލި ބޭނުންކޮށްގެން މަޖިލިސްތެރޭގައި އަޑުގަދަ ކުރަން ފަށައިފަ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ، ށ، ނ، ރ، ބ، ޅ،) ކުރިއަށް އަކުރެއް އިތުރު ކުރުމަށް އާންމު ކޮމިޓީ އިން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ. އަދި އެއަށް ފަހު ވޯޓަށް އަހަން ހުރި ކަމެއް އޮތް ނަމަ ވޯޓަށް އެހުން މިއަދުގެ ޖަލްސާގައި އޮންނާނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން އަޑުގަދަ ކުރާ ހިފައިގެން: ފޮޓޯ/ ޓުވިޓާ

މިއަދުގެ ޖަލްސާގައި އާންމު ކޮމިޓީ އިން ނިންމާފައިވާ ކަންތައްތައް ފާސްވެއްޖެ ނަމަ މާދަމަ އިން ފަށައިގެން މަޖިލީހުގެ ޖަލްސާތަކަށް ދުންމާރިއާ އަޑުގަދަކުރާ ފަދަ ތަކެއްޗެއް ނުވެއްދޭނެ އެވެ. އަދި އެއީ މަޖިލީހުގެ ގަވާއިދު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ބުނެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާ އަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފަ އެވެ.

ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ގޯތި ތެރެއަށް އެފަދަ އެއްޗެއް ވައްދައިފި ނަމަ އެ އެއްޗެއް އަތުލަންވާނެ ކަމަށެވެ. އަދި އެފަދަ އެއްޗެއް ވައްދާ މެމްބަރުންނާ މެދު ފިޔަވަޅު އަޅަންވާނެ ކަމަށް އާންމު ކޮމިޓީ އިން އަލަށް އިސްލާހު ކުރި ގަވާއިދުގައި ބުނެފައިވެ އެވެ.