20 Apr 2015, 09:23
އިސްލާމް އާބާދު (އެޕްރީލް 20) : ޗައިނާގެ ރައީސް ޝީޖިންޕިން ޕާކިސްތާނަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި 46 ބިލިޔަން ޑޮލަރުގެ ތަރައްގީގެ ބިޔަ މަޝްރޫޢުތައް އިފްތިތާހް ކޮށްދެއްވާނެ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ ބުނާ ގޮތުން ޝީޖިންޕިންގެ މިދަތުރުފުޅުގައި ހަކަތައާއި އިންފްރާސްޓްރަކްޗާ އަދި ޓްރާންޕޯޓާ ބެހޭ ބިޔަ މަޝްރޫއުތަކެއް ޗައިނާގެ ރައީސް ޕާކިސްތާނުގައި އިފްތިތާހް ކޮށްދެއްވާނެ އެވެ.
މިއީ ޗައިނާގެ ހިލޭއެހީއާއި ލޯން އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫޢުތަކެކެވެ. ޕާކިސްތާނަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ތަރައްގީގެ މައްސަލަތަކުގެ ތެރޭގައި ކަރަންޓާއި އެއްގަމުގެ ދަތުރުފަތުރުގެ މިއިންފްރާސްޓްރަކްޗާ މައްސަލަ ހިމެނެ އެވެ. ސާޅީސް ފަސް ބިލިޔަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢުތަކުގެ ތެރޭގައި އެތައް ހާސް މެގަވޯޓެއްގެ ކަރަންޓް އުފައްދައިދޭ ސްޓޭޝަންތަކާއި ސިޓީތަކާއި ވިލެޖްތަކަށް ކަރަންޓްފޯރުކޮށްދޭ ކަރަންޓް ނެޓްވާކްތައް އާކުރުމާއި އިތުރު ނެޓްވާކްތައް ގާއިމްކުރުން ހިމެނެ އެވެ. އަދި ޕާކިސްތާނާއި ޗައިނާއާ ދެމެދު ރޭލްވޭއެއް ބިނާކުރުމާއި ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގެ މެދުގައި މިހާރު ހުރި ހައިވޭ މަގުތައް މަރާމާތު ކުރުމާއި އިތުރު ހައިވޭތައް ބިނާކުރުން ވެސް ހިމެނެ އެވެ.
މިމަޝްރޫޢުތަކުގެ ސަބަބުން ޕާކިސްތާނުގެ އިގްތިސާދަށް އެނގުންވާވަރުގެ ބޮޑު ބަދަލެއް ކައިރި މުސްތަގްބަލެއްގައި އަންނާނެ ކަމަށް އެގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނެ އެވެ. ޗައިނާ އިން ޕާކިސްތާނުގައި ފަށާ 45 ބިލިޔަން ޑޮލަރުގެ މަޝްރޫޢުތަކަކީ އެމެރިކާއާއި ޔޫރަޕުން ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ވެސް ޕާކިސްތާނުގައި އިންވެސްޓް ކޮށްފައިނުވާވަރުގެ މަޝްރޫޢުތަކެކެވެ.
އެމެރިކާ އިން ޕާކިސްތާނަށް ދޭ އެހީއެއްވެސްދެނީ އަސްކަރީ ދާއިރާއިންނެވެ. ޔޫރަޕްގެ ގައުމުތައް ޕާކިސްތާނާ މާބޮޑަށް އަޅާލަމުން ގެންގޮސްފައެއް ނުވެ އެވެ. ޗައިނާގެ އިގްތިސާދީ އެހީތައް ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ސިފަކުރަނީ އޭޝިޔާގައި ބާރާއި ނުފޫޒު ވަރުގަދަ ކުރުމަށް ޗައިނާ ކުރަމުން ގެންދާ މަސައްކަތްތަކެއްގެ ގޮތުގައެވެ.
ޕާކިސްތާނަކީ ޗައިނާ އިސްކޮށްއޮވެގެން ކުރިޔަށްގެންދާ މެރިޓައިމް ސިލްކް ރޫޓްގައިވެސް ހިމެނޭ ގައުމެކެވެ. އަދި ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންވެސްޓްމެންޓް ބޭންކްގައިވެސް ޕާކިސްތާން ބައިވެރިވެ އެވެ. މިބޭންކުން މިއަހަރު ފަހުކޮޅު މެންބަރު ގައުމުތަކަށް ލޯން ދޫކުރަން ފަށާނެ އެވެ. އަދި ބޭންކަށް ފައިދާ ލިބެން ފެށުމުން އެފައިދާވެސް މެންބަރުގައުމުތަކަށް ބަހާނެއެވެ.
ޕާކިސްތާނަކީ ޗައިނާ ގެ ޒަމާންވީ ރަހްމަތްތެރިއެކެވެ. ޗައިނާގެ ރައީސްގެ މިދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރާއެކު މަޝްވަރާކުރައްވާނީ ދެގައުމުގެ ގުޅުންތަކުގެ އިތުރުން އަފްޣާނިސްތާނުގެ މައްސަލައާއި މެދުތެރޭ އޭޝިޔާއާއި ދެކުނު އޭޝިޔާއާ އަދި މެދުއިރުމަތީގެ މައްސަލަތަކާބެހޭގޮތުންނެވެ. ޗައިނާގެ ރައީސް ޝީޖިންޕިން އިސްލާމް އާބާދަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. (ނޫސްއެޖެންސީތައް)