20 Apr 2015, 08:45
ވޯލްޑު ބޭންކުގެ އެހީއާއެކު ހދ.ކުޅުދުއްފުށީގެ ޖަލާލުއްދީން ސުކޫލުގައި އަލަށް ހުޅުވި ކޮމްޕިއުޓާ ލެބޯޓްރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސ) ގެ ރައީސް ހަސަން ލުތުފީ ހުޅުވައިދެއްވައިފި އެވެ.
ގައުމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ގުޅުވައިގެން ލުތުފީ ވަނީ ޖަލާލުއްދީން ސުކޫލުގެ ޚާއްސަ އެސެމްބުލީގައި ވެސް ވާހަކަފުޅުދައްކަވާފައި އެވެ. ލުތުފީގެ ވާހަކަފުޅުގައި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު ދަރިވަރުން އަމަލުކުރަންޖެހޭ އަޚުލާގީ ރިވެތި އުސޫލުތަކާއި ސުލޫކީ މިންގަނޑާއި ދަރިވަރުންގެ އާންމު ދިިރުއުޅުމުގައި ނަޒާހާތްތެރިކަމާއި އެކު ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރެއްވި އެވެ.

ޖަލާލުއްދީން ސުކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ލުތުފީ ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ އޭސީސީ
އޭސީސީން ބުނީ އެ އެސެމްބުލީގައި އެ ކޮމިޝަންގެ ފަރާތުން ދަރިވަރުންނަށް އަމާޒުކޮށްގެން އެކަޑަމިކް އިންޓަގްރިޓީއާ ގުޅޭގޮތުން ޚާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައިވާ ކަމަށެވެ.
ގައުމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައިގެން އޭސީސީން ވަނީ ކުޅުދުއްފުށީގައި ހުރި ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ވޯކްޝަޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ.