މުލިިއާގޭ ލޯންޗު ސެކްޝަންގެ ސައިމާ ލޯންޗް ރައީސްލް ޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު، މުލިއާގޭގެ ވަޒީފާ އަދާކުރާ މީހަކަށް ދީފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

ޑީއާރްޕީގެ ނައިބް ލީޑަރު އިލްހާމް އޭސީސީއަށް މައްސަލަ ހުށަހެޅުއްވެވި ސިޓީގައި ބުނަނީ ދިވެހި ދައުލަތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ސައިމާ" ލޯންޗް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ، މުލިއާގޭގެ ވަޒީފާ އަދާކުރާ، ތ. ގާދިއްފުށީ މުހައްމަދު ރަގީބު (މާލޭ މުނިސިޕަލްޓީ ހާއްސަ ދަފުތަރު) އަށް ދީފައިވާ ކަމަށާއި ސައިމާ ލޯންޗް މިހާރު ބޭނުން ކުރަނީ ވިޔަފާރި އުސޫލުން ދަތުރުތައް ކުރުމަށް ކަމަށާއި ސައިމާ ލޯންޗް މިވަގުތު އޮތީ ތ. ގާދިއްފުށީގައި ކަމަށެވެ.

"... ދައުލަތުގެ މުދަލެއް މިގޮތަށް އަމިއްލަ ފަރުދަކަށް ދީފައިވާ ނަމަ އެކަމަކީ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާއި ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމަކަށް މެނުވީ ނުވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ އާއި މިކަން މިގޮތަށް ކޮށްފައިވާނަމަ މިއީ ކޮރަޮޕްޝަންގެ އަމަލެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ މިކަން ތިޔަ ކޮމިޝަނުގެ ސަމާލު ކަމަށް ގެނައުމަށް މި ފުރުސަތުގެ ބޭނުން ކުރަމެވެ،" އޭސީސީއަށް އިލްހާމް ހުށަހެޅި ސިޓީގައި ވެއެވެ.

އިލްހާމްގެ ސިޓީގައި ބުނަނީ މުލިއާގޭ ލޯންޗް ސެކްޝަން، ވަޒީރުން މަޖިލީހުން ޖެނުއަރީ 2، 2011ގައި ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށާއި އެ ތާރީހުގައި މުލީއާގޭ ގަރާޖް ޑިފެންސާ ހަވާލު ކުރުމުގެ ކުރިން ޑިސެމްބަރު 31، 2010 ގައި ސައިމާ ލޯންޗު މުހައްމަދު ރަގީބުގެ ބެލުމުގެ ދަށަށް ގެންގޮސް މުލިއާގޭ ލޯންޗު ފަހަރު އަޅާ ސަރަހައްދުން ވެސް ބޭރުކޮށްފައިވާ ކަމަށެވެ. އިލްހާމްގެ އޭސީސީއަށް ފޮނުވި ސިޓީއާއެކު ސައިމާ ލޯންޗާބެހޭ މައުލޫމާތާއި ލޯންގެ ފޮޓޯ ވެސް ހިމަނާފައި ވެއެވެ.

އިލްހާމް ހުށަހެޅި މައްސަލައާ ގުޅިގެން އޭސީސީގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

ގާދިއްފުށީ ކަތީބުގެ އެހީތެރިޔާ މުހައްމަދު އަޒްހީމް މިއަދު ވިދާޅުވީ މިގެ މަހެއްހާ ދުވަސް ކުރިން ރައީސް ނަޝީދު އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގަތް ދަތުރުފުޅެއްގައި ގާދިއްފުށީ ކުދިން ތިމަރަފުއްޓަށް ކިޔަވަންދާނެ ލޯންޗެއް ދެއްވާނެ ކަމަށް ވިދާޅުވެ، ދެއްވި ލޯންޗެއް އެރަށުގައި އޮންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ލޯންޗް ގެންގުޅެނީ އެއަތޮޅާއި ލ. އަތޮޅުގައި ފެރީގެ ހިދުމަތްދޭ ދޯނިސާވިސް އިން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އެ ލޯންޗުގެ ކުއްޔާ ގުޅޭ ގޮތުން ރައީސް އޮފީީހާއި ދޯނިސާވިސް އާ ދެމެދު އެގެރިމެންޓެއް ކޮށްފައިވާ ކަމަށާއި އެ ލޯންޗްގައި ގާދިއްފުށީ ކުދިން ތިމަރަފުއްޓަށް ގެންދަނީ ހިލޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ފައިނޭޝަލް ސެކްރެޓަރީ އަހުމަދު މައުސޫމް މިއަދު ވިދާޅުވީ ސައިމާ ލޯންޗު ެރައީސް މީހަކަށް ދެއްވާފައިވާ ކަމަށް ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ލޯންޗު އޮތީ މަރާމާތަށް ތިލަފުއްޓަށް އެހެލާފައި ކަމަށެވެ.

"ނޫސްވެރިންނަށް ވަރަށް ފަސޭހައިން ގޮސް ބަލާލެވިދާނެ ތިލަފުށި. އެ ތަނުގައި އެ ލޯންޗު އޮންނާނެ. ސައިމާ ލޯންޗަކީ މުލީއާގޭގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮންނަ ލޯންޗެއް." މައުސޫމް ވިދާޅުވި އެވެ.

ސައިމާ ލޯންޗްގެ މައްސަލައާ ގުޅިގެން އޭސީސީއަށް މިއަދު ހުށަހެޅި މައްސަލައާ ބެހޭ ގޮތުންނާއި ސައިމާ ލޯންޗް ގެއްލިގެން ވެސް މިހާތަނަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައި ނުވާ ކަމަށް ގައުމީ ދިފާއީ ބާރާއި ފުލުހުން ވަނީ ބުނެފަ އެވެ.