ވިލާ ގްރޫޕުން ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ތ. އެލާ އާއި ގދ. ގަޒީރާގެ ކުލި ދައްކަން ފެށުން ފަސްކުރަން ކުރިން ނިންމާފައި އޮތް ނިންމުން ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

ވިލާ ގްރޫޕްގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.

ވިލާގެ އޮފިޝަލަކު ވިދާޅުވީ ތ. އެލާ އާއި ގދ. ގަޒީރާގެ ކުލި ދައްކަން ފެށުމުގެ މުއްދަތު އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކުރިން ފަސްކޮށްދީފައި ކަމަށެވެ. އެހެންނަމަވެސް އެ އެއްބަސްވުން ބާތިލްކުރީ ކީއްވެގެން ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.


އޭނާ ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ކަމަށާއި އެހެންނަމަވެސް އެނިންމުން ބާތިލުކުރިކަން ޓޫރިޒަމް މިނިސްޓްރީން އެކުންފުންޏަށް އަންގާފައިނުވާ ކަމަށެވެ. އެކަން އެކުންފުންޏަށް އަންގާފައި ވަނީ މީރާ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މީރާ އިން ފޮނުވި ނޯޓިސްތަކާ ގުޅިގެން ވިލާ ގްރޫޕުން ވަނީ އެ ދެ އިދާރާއާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހަޅާފަ އެވެ.