ދެކުނު އޭޝިއާގެ އެންމެ 'ވަރުގަދަ' ޕާސްޕޯޓަކީ ދިވެހިރާއްޖޭގެ ޕާސްޕޯޓުކަމަށް ސީއެންއެން އިން ހާމަކުރި ލިސްޓަކުން ދައްކައިފިއެވެ.

ސީއެންއެން އިން މި ލިސްޓް ހާމަކޮށްފައި ވަނީ އާޓަން ކެޕިޓަލް ކުންފުނިން ކޮށްފައިވާ ދިރާސާ އަކާއި ހަވާލާދީއެވެ.

މުއްސަދިންނަށް އެހެން ގައުމުތަކުގެ ރައްޔިތަކަށް ވުމުގައި އެހީތެރިވެދޭ ކުންފުންޏެއް ކަމަށްވާ އާޓަން ކެޕިޓަލްއިން މި ލިސްޓު އެކުލަވާލާފައި ވަނީ އެ ޕާސްޕޯޓެއް ބޭނުންކޮށްގެން ވިސާ އަކާއި ނުލާ އެތެރެވާ ގައުމުތަކާއި އަދި އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ އަދަދަށް ބަލައިގެންކަަމަށް ސީއެންއެންއިން ބުނެއެވެ.

މި ލިސްޓުން ރާއްޖެ ރޭންކުކޮށްފައި ވަނީ 53 ވަނައިގައެވެ. ރާއްޖޭގެ ޕާސްޕޯޓަށް ދުނިޔޭގެ 65 ގައުމަށް 'ފްރީ ވިސާ'ގައި ދަތުރުކުރެވޭ ކަަމަށް މި ލިސްޓުގައި ވެއެވެ. ްއެ ލިސްޓުގައި ދެވަނައަށް މި ސަރަހައްދުން ހޮވިފައި ވަނީ އިންޑިއާ އެވެ. އެއީ 59 ވަނަ ރޭންކުގައެވެ. އިންޑިއާ ޕާސްޕޯޓުގައި 59 ގައުމަކަށް 'ފްރީ ވިސާ'ގައި ދަތުރުކުރެވެއެވެ. ސައުތު އޭޝިއާ ގައުމުތަކުން މި ލިސްޓުގެ އެންމެ ފުލަށް ގޮސްފައި ވަނީ އަފްޣާނިސްތާނާއި ނޭޕާލެވެ. މި ދެގައުމުގެ ޕާސްޕޯޓްގައި 'ފްރީ ވިސާ'ގައި ދަތުރުކުރެވެނީ 38 ގައުމަށެވެ.

މި ލިސްޓުން އެއްވަނައަށް އައިސްފައި ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތެވެ. އެ ދެ ގައުމުގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް 147 ގައުމަށް ދަތިކަމެއް ނެތި ދަތުރުކުރެވޭ ކަމަަށް ސީއެންއެން އިން ބުނެއެވެ. ދެވަނައަށް ރޭންކުކޮށްފައި ވަނީ ފްރާންސް، ސައުތު ކޮރެއާ އަދި ޖަރުމަނެވެ.

މުޅި ލިސްޓުން އެއްމެ ފުލަށް ގޮސްފައިވާ ގައުމުތަކުގެ ތެރޭގައި އެއްމެ ޒުވާން ގައުމު ސައުތު ސޫދާން، ސޮލަމަން އައިލެންޑްސް، މިޔަންމާ އަދި ފަލަސްތީނު ހިމެނެއެވެ. މި ޕާސްޕޯޓްތަކުގައި 'ފްރީ ވިސާ'ގައި ދަތުރުކުރެވެނީ އެއްމެ 28 ގައުމަށެވެ.