23 Feb 2011, 14:22
ޓްރިޕޮލީ : ލީބިޔާގެ ސިފައިންގެ ގިނަ ފައުޖުތައް ގައްޒާފީގެ އަމުރަށް ނުކިޔަމަންތެރިވެ ގައްޒާފީގެ ދިގުލީ ވެރިކަން ވައްޓާލުމަށް ރައްޔިތުން ކުރިޔަށްގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތަކުގައި ބައިވެރިވަމުން އެބަދެއެވެ.
ލީބިޔާ ސިފައިންގެ އަލްޖަބަލު ސަރަޙައްދުގައި އޮންނަ ކޮމާންޑުން މިއަދު ނެރުނު ޢަސްކަރީ ބަޔާނެއް ބުނިގޮތުގައި އެކޮމާންޑްގެ ހުރިހާ އޮފްސަރުންނާއި ސިފައިން ހަތިޔާރާއެކު މިހާރުވަނީ ގައްޒާފީ ވައްޓާލުމަށް ރައްޔިތުން ފަށާފައިވާ މުޒާހަރާތަކާއި އިޙްތިޖާޖްތަކުގައި ބައިވެރިވެ ރައްޔިތުންގެ ފަހަތުގަ އެވެ.
ރައްޔިތުންގެ ކޮޅަށްޖެހިފައިވާ ލީބިޔާ ސިފައިންގެ ގްރޫޕްތަކުން ގެންދަނީ ގައްޒާފީގެ އަމުރަަށް ލީބިޔާގެ ބޮޑެތި ސިޓީތަކުގައި ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ކުލީ ސިފައިންނަށް ޙަމަލާދީ އެމީހުން ހިފައި ހައްޔަރު ކުރުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން ބެންގާޒީގައިވެސް ބޭރުގެ ކުލީ ސިފައިންގެ އެތަށް ބަޔަކު، ލީބިޔާގެ ރައްޔިތުންނާއި ރައްޔިތުންނަށް ތާއީދުކުރާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ގައްޒާފީގެ އަމުރަށް ނުކިޔަމަންތެރިވުމަށްފަހު ރައްޔިތުންނާއެކު މިހާރުތިބި ލީބިޔާ ސިފައިންގެ އޮފްސަރުން ބުނާގޮތުން ގައްޒާފީ ގެންގުޅޭ ކުލީ ސިފައިންގެ ތެރޭގައި ހިމެނެނީ އެފްރިކާގެ ބައެއް ޤައުމުތަކުގެ ކުލީ ސިފައިންނާއި އިރުމަތީ ޔޫރަޕާއި އިޓަލީގެ ކުލީ ސިފައިންނެވެ. މުޒާހަރާކުރާ ރައްޔިތުންނަށް ވައިގެ މަގުން ޙަމަލާދިނުމުގައި ޙަރަކާތްތެރިވަނީ އިޓަލީއާއި އިރުމަތީ ޔޫރަޕްގެ ކުލީ ސިފައިން ކަމަށާއި ޓްރިޕޮލީގެ މަގުތަކުގައި ހަތިޔާރާއެކު ޙަރަކާތްތެރިވަނީ ޗާޑް، ނައިޖީރިޔާ އަދި ޔުގެންޑާ ފަދަ އެފްރިކާގެ ޤައުމުތަކުގެ ކުލީ ސިފައިން ކަމުގައެވެ.
އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ގައްޒާފީގެ ބާރުތަކުން މިނިވަންކުރެވިފައިވާ ބެންޣާޒީ އަށް ކަނޑުގެ މަގުން ޙަމަލާދިނުމަށް ގައްޒާފީ ފޮނުއްވި ލީބިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރު، އަމުރަށް ނުކިޔަމަންތެރިވުމަށްފަހު މިހާރުވަނީ އަވަށްޓެރި މޯލްޓާއަށް ގޮސްފައެވެ. މީގެކުރިން ލީބިޔާގެ ވައިގެ ސިފައިންގެ ދެޕައިލެޓަކުވެސް އަމުރަށް ނުކިޔަމަންތެރިވުމަށްފަހު އެމީހުންގެ ޢަސްކަރީ ޖެޓާއެކު މޯލްޓާގެ އެއަރޕޯޓަށް ޖައްސާފައިވެއެވެ.
ބެންޣާޒީގައިތިބި ގައްޒާފީގެ އަމުރަށް ތަބާނުވާ ލީބިޔާ ސިފައިންނާއި ބެންޣާޒީގެ ރައްޔިތުންވަނީ އެރަށުގެ ބެނީނާ އެއަރޕޯޓްގެ ރަންވޭ ހަލާކުކޮށްލާފައެވެ. އެއީ އެރަށް އަލުން ހިފުމަށްޓަކައި ގައްޒާފީ ފޮނުވަމުންދާ ބޭރުގެ ކުލީސިފައިންނާއި ހަތިޔާރު ހިމެނޭ ޢަސްކަރީ މަތިންދާބޯޓުތައް އެއެއަރޕޯޓްގައި ޖެއްސުމުގެ ފުރްސަތު ނުދިނުމަށްޓަކައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ކުލީ ސިފައިންގެ ބާރުތަކުން ލީބިޔާގެ ރައްޔިތުންނަށް ޙަމަލާދެމުން ގެންދާތީ ކޯފާވެގެން، ލީބިޔާގެ ދާޚިލީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙް ޔޫނުސް މިއަދުވަނީ އިސްތިއުފާދެއްވައި ރައްޔިތުންގެ ކޮޅަށް ޖެހިވަޑައިގެންފައެވެ. އޭނާ ވިދާޅުވިގޮތުގައި ކުލީ ސިފައިންގެ 400 އެއްހާ މީހުންމިހާރުވަނީ ރައްޔިތުންނާއި ލީބިޔާގެ ސިފައިންގެ ގުޅިގައިވާ ބާރަކުން ހައްޔަރުކޮށްފައެވެ.
ގައްޒާފީ ރައްޔިތުންނާ މުޚާބަތުކުރައްވައި އިއްޔެ ދެއްވި ޚިތާބަށްފަހު ކުލީ ސިފައިންގެ އަނިޔާވެރިކަން ޓްރިޕޮލީގައި އިންތިހާއަށް މައްޗަށް ގޮސްފައިކަމަށާއި އެމީހުން ޓްރިޕޮލީގެ މަގުތަކުންފެންނަ ލީބިޔާގެ އަންހެނުންނަށާއި ކުޑަކުދިންނަށްވެސް ޙަމަލާތައް ދެމުންގެންދާ ކަމަށް މަންޒަރުދުށްމީހުން ބުނެއެވެ.
ޓްރިޕޮލީން ލިބޭ ޚަބަރުތަކާ ޙަވާލާދީ ބޭރުގައި މިވަގުތު ހުންނެވި ލީބިޔާގެ ނޫސްވެރިއެއް ކަމަށްވާ މަޙްމޫދު އައްޝައްމާމް ވިދާޅުވިގޮތުގައި ޓްރިޕޮލީއާއި ޓްރިޕޮލީގެ ކައިރީގައިވާ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ލީބިޔާ ސިފައިންގެ އެތަށް ހާސްބަޔަކު ގުޅިގެން މިހާރު ރާވަމުން ގެންދަނީ ގައްޒާފީ ދިރިއުޅުއްވާ ބާބުލްޢަޒީޒިއްޔާ ޢަސްކަރީ ކޭންޕް ޙިސާރުކުރުމަށްފަހު އެކޭންޕަށް ޙަމަލާތައް ދޭން ފެށުމަށެވެ.
ޓްރިޕޮލީގެ ބާބުލްޢަޒީޒިއްޔާ ސަރަޙައްދުގައި ހުންނަ މިކޭޕްގެ ބަލަހައްޓަނީ ބަރުހަރުހަތިޔާރު ހަތިޔާރު އަޅާފައިވާ ބޭރުގެ ކުލީސިފައިންގެ އެތަށްހާސްބަޔަކާއި ލީބިޔާ ސިފައިންގެ ތެރެއިން ގައްޒާފީއަށް ވަފާތެރި މަދުބައެކު ގުޅިގެންނެވެ. ނަމަވެސް މިއީ ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ޢަސްކަރީ ކިއްލާއެއް ކަމުން މިތަން ހަލާކުކޮށްލައި ގައްޒާފީގެ ދުވަސް ދުއްވާލުމަކީ ބޮޑުވެގެންވާ ލޭއޮހޮރުވުމެއް ހިނގާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރިޕޮލީން ލިބޭ ޚަބަރުތައް ބުނާގޮތުން ބާބުލްއަޒީޒިއްޔާ ކޭންޕުން ބޭރަށް ވަޑައިގަންނަވަން ނުކެެރޭވަރަށް އޭނާގެ ބާރު ލީބިޔާގައިވަނީ ކެނޑިފައެވެ.
އަނެއްކޮޅުން އދ. ގެ ސަލާމަތީ މަޖިލީހުންވަނީ ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އަނިޔާވެރި ޢަމަލުތައް ހުއްޓާލައި މިކަން ތަޙްޤީޤްކޮށް މިޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ސަލާމަތީ މަޖިލީހުން ގޮވާލާފައެވެ. ސަލާމަތީ މަޖލީހުގެ ބައްދަލުވުމަކަށް ގޮވާލާފައިވަނީ އދ.ގައި ހުންނަ ލީބިޔާގެ މިޝަނުންނެވެ. މިމިޝަންގެ ވެރިންނާއި މުވައްޒަފުންވަނީ ގައްޒާފީގެ ސަރުކާރު ދޫކޮށް ލީބިޔާގެ ރައްޔިތުންނާ ބައިވެރިވިކަން ހާމަކޮށްފައެވެ.
ޢަރަބި ލީގުންވަނީ ގައްޒާފީގެ ސަރުކާރު ލީބިޔާގެ ރައްޔިތުން ތަމްޘީލް ނުކުރާ ކަމަށްބުނެ ލީބިޔާގެ ސަރުކާރު ޢަރަބި ލީގުން ސަސްޕެންޑް ކޮށްފައެވެ. ޢަރަބި ބައެއް ޤައުމުތަކުގެ ރައްޔިތުން ގެންދަނީ ޙާލުގައި ޖެހިފައިވާ ލީބިޔާގެ ރައްޔިތުންނަށް ހަމްދަރްދީ ފާޅުކޮށް އެއްވުންތައް ބާއްވަމުންނެވެ.
އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޯ.އަި.ސީ.ން ވަނީ ލީބިޔާ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. (އަލްޖަޒީރާ)