19 Apr 2015, 15:52
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދިގު ކުރުމަށް ހިއްކި ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މާލޭ އޮފީހުގެ މެނޭޖަރު އަހުމަދު ހިސާމު ވިދާޅުވީ މިހާރު އެއާޕޯޓް ހިއްކައިގެން ބޮޑުކޮށް ނިމިފައިވާ ކަމަށެވެ.
"ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ކުރިޔަށްދަނީ،"
އެއާޕޯޓް ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ގަފްލް ކޮބްލާ ކުންފުނިންނެވެ. އަދި ޓާމިނަލުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޑެންމާކުގެ އެމްޓީ ހޯގާޑުން ނެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސީޕްލޭން ބޭސްއެއް ގާއިމުކުރަން ހަމަޖެހިފައިވާ ކަަމަށްވެސް ހިސާމު ވިދާޅުވި އެވެ. އަދި ރަންވޭގެ ލައިޓިން ސިސްޓަމް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ހިސާމު ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ފުޓްސެލް ދަނޑުތަކެއް ހުޅުވުމަށް ސަރުކާރުގެ ހަތަރު ވަޒީރުންނާއި 18 މަޖިލިސް މެމްބަރުން އައްްޑޫ ސިޓީ އަށް ކުރައްވާ ދަތުރުގައި އެ ސިޓީގެ ހުޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެފައި ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވާނެ ކަމަށެވެ.
"ފާޑުކިއުންތެރިން ކިތަންމެ ފާޑުކިޔަސް އަޅުގަނޑުމެން މި ތިބީ ހަމަ މި އަހަރު ތެރޭ މާތް ރަސްކަލާގެ އިރާދަފުޅުން އައްޑޫ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދަން،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ސީދާ ދަތުރުތައް ފެށުމަށް ބައެއް އެއާލައިންތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރޭގައި ސްރީލަންކަން އެއާލައިންސް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ތަރައްގީކުރުމުގެ ޕްލޭނަށް ސަރުކާރުން ވަަރަށް އިސްކަންދޭ ކަމަށާއި މެނިފެސްޓޯގައި ހިމެނޭ ތަރައްގީގެ ތިން ނާރެހުގެ ތެރެއިން އެއްނާރެހަކީ އައްޑޫ ސިޓީ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.