19 Apr 2015, 16:12
ބައިނަލްއަގްވާމީ ވޮލީބޯޅަ ފެޑަރޭޝަން، އެފްއައިވީބީއާ ގުޅިގެން ހިންގާ ބީޗް ވޮލީބޯލް ގްރާސްރޫޓް ކޯހެއް މިއަދު ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ފަށައިފި އެވެ.
ވީއޭއެމް އިން ބުނީ މިއަދު ފެށި އެފްއައިވީބީ ބީޗް ވޮލީބޯލް ގްރާސްރޫޓްސް ކޯހަކީ އެފްއައިވީބީގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ދަށުން ހިންގާ ވޮލީބޯލް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.
އެފްއައިވީބީ ބީޗް ވޮލީބޯލް ގްރާސްރޫޓް ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަކަށެވެ. ވަކި އުމުރުފުރާއެއް ކަނޑައަޅާފައި ނުވާ އެ ކޯހުގައި 11 އަންހެނުންނާއި 15 ފިރެހެނުން ބައިވެރިވެފައިވާ ކަމަށް ވީއޭއެމް އިން ބުންޏެވެ.
އެފްއައިވީބީ ބީޗް ވޮލީބޯލް ގްރާސްރޫޓް ކޯހުގެ ބައިވެރިންނަށް ދޮންގަނޑު ބީޗް ވޮލީ ކޯޓުގައި ޕްރެކްޓިކަލް ސެޝަންތަކާއި އެމްއެންއައިއެސްގެ ސެމިނާ ރޫމްގައި ތިއަރީ ސެޝަންތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ކޯހުގެ ބައިވެރިންނަށް އިރުޝާދު ދޭނީ އޮސްޓްރީއާގެ އިންސްޓްރަކްޓަރުން ކަމަށް ވީއޭއެމުން ވަނީ މައުލޫމާތު ދީފަ އެވެ.