20 Apr 2015, 09:18
ފެން ފުރޭނުން ކަމުގައި ވިޔަސް ތެޔޮ ނުފުރޭނޭ ފަދަ ހާއްސަ ސްޓެއިންލެސް ސްޓީލް މެޝް އެއް އޮހައިއޯ ސްޓޭޓް ޔުނިވާސިޓީގެ ރިސާޗަރުން އުފައްދައިިފި އެވެ.
މައިކްރޮސްކޯޕިކް ޕާޓިކަލް ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ އެ މެޓީރިއަލް އިން ތެލާއި ފެން އެއްވެފައިވާ އެއްޗަކުން ދޭތި ވަކި ކުރެވޭނެ ކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ. އެގޮތުން އެއްޗެގައި ތެލާއި ފެން ހުރި ކަމުގައި ވާނަމަ އޭގައި ހުރި ފެންތައް ފިލްޓާ ކުރުމަށް ފަހު ތެޔޮތައް މެޓީރިއަލްގެ މަތީގައި ހުންނާނެ ކަމަށް ވެސް އެމީހުން ވަނީ ބުނެފަ އެވެ.

އަލަށް ތައްޔާރު ކުރި އެ މެޓީރިއަލްގެ އެހީގައި ތެޔޮ ހުންނަ ތަންތަނުން އެ ސާފު ކުރުމާއި އެކު ބިމު އަޑީގައި ހުރި ތެޔޮ ތައް ފަސޭހަކަމާ އެކު ހޯދޭނެ ކަމަށް ރިސާޗަަރުން ބުންޏެވެ.
ލޮޓަސް ފަތް މިސާާލަކަށް ބަލައިން އުފެއްދި އެ މެޓީރިއަލް މަސައްކަތް ކުރަނީ ލޮޓަސް އެއް މަސައްކަތް ކުރާ އިދިކޮޅަށެވެ. ލޮޓަސް ފަތުން ތެޔޮ ފުރާނާލި ނަމަވެސް ފެނެއް އެ ފަތުން ފުރޭނިގެނެއް ނުދާނެ އެވެ.
އަގުހެޔޮ އެ މެޓީރިއަލް އަކީ ނޮން-ޓޮކްސިކް އެއްޗަކަށްވާ އިރު އޭގެ ސްކުއެއާ ފޫޓަކަށް ހަރަދު ވާނީ ޑޮލަރެއް ކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ.