ހުޅުމާލޭ ވަގުތީ ހިޔަލުގައި ދިރިއުޅޭ މީހުން ފެން ބޭނުންކޮށްފައިވާ ބިލުތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދާ ބެހޭ މައުލޫމާތު އެޗްޑީސީން ދިންހާ އަވަހަކަށް، ފައިސާގެ ކަންތައް ހަމަޖައްސައި ހިޔާވަހިތަކުގައި މިހާރު ދިރިއުޅޭ މީހުންނަށް ފެން ލިބޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

ހުޅުމާލޭ ވަގުތީ ހިޔަލުގައި މިހާރު ދިރިއުޅޭ މީހުންނަށް ދާއިމީ ހިޔާވަހިކަން ހޯދައިދިނުން ލަސްވެ އަސާސީ ޚިދުމަތްތަކުން އެމީހުން މަޙްރޫމްކުރެވިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް، ކަމާ ބެހޭ ފަރާތްތަކާ އެކު ހިއުމަންރައިޓްސްކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން، އެންޑީއެމްސީގެ ސަޕޯޓް އޮފިސަރު ހިސާނު ހަސަން މިއަދު ވިދާޅުވީ، ވަގުތީ ހިޔާތަކުން ފެން ކަނޑާލާފައި ވަނީ ބިލުތަކަށް ފައިސާ ނުދައްކައިގެން ކަމަށެވެ.

"ވަގުތީ ހިޔާތަކުން ފެން ކަނޑާލާފައި ވަނީ އެންޑީއެމްސީއަކުންނޫން. އެކަމަކީ ބިލުތަކަށް ފައިސާ ނުދައްކައި އޮތުމުން ދިމާވެގެން އުޅޭ މައްސަލައެއް. އެޗްޑީސީން އަޅުގަނޑުމެންނަށް ބިލުތައް ފޮނުވި ނަމަވެސް އަދި، ދައްކަން ޖެހޭ އަދަދު އެންގި ނަމަވެސް އެކަން ހަމަޖައްސައި އެ ތަންތަނަށް ފެން ލިބޭނެ ގޮތް ހަމަޖައްސާނަން،" ހިސާނު ވިދާޅުވި އެވެ.
އެ މައްސަލައިގައި، އެޗްޑީސީގެ ސީނިއާ މާކެޓިން އޮފިސަރު ވާރިސް އަހްމަދާ ސަން އިން ގުޅަން މަސައްކަތް ކުރި އިރު އޭނާ އާ ގުޅޭ ގޮތް ނުވުމުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.

ހުޅުމާލޭ ވަގުތީ ހިޔަލުގައި މިހާރު ދިރިއުޅޭ ހަތަރު އާއިލާ ހިމެނޭ ގޮތަށް ކަމާ ބެހޭ ހަތަރު މުއައްސަސާއާ އެކު ހިއުމަންރައިޓްސް ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ އާޢިލާތަކުގެ އަސާސީ ޙައްޤުތައް ގެއްލުވައި ނުލުމަށާއި އެތަނުގައި ތިބި ކުޑަ ކުދިންނަށް އެއްވެސް ނުރައްކަލެއް ދިމާނުވާނޭ ގޮތަކަށް ކަންތައްތައް ހަމަޖައްސައި ދެއްވުމަށް ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ ވަނީ އެދިވަޑައިގެންފަ އެވެ.

ހިއުމަންރައިޓް ކޮމިޝަނުން ބުނީ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބައިވެރިވި އެ ބައްދަލުވުމުގައި ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ސުނާމީ ކާރިސާއާ ގުޅިގެން، ހާލުގައި ޖެހުނު މީހުންގެ ތެރެއިން ހުޅުމާލޭ ވަގުތީ ހިޔާތަކަށް ގިނަ އަދަދެއްގެ މީހުން ބަދަލުކުރި ނަމަވެސް އެތަނުގައި މިހާރު ދިރިއުޅެމުން ދަނީ އެންމެ ހަތަރު އާއިލާ އެވެ. އަދި އެމީހުން އެތަނުން ނިކުތުމަށް ތަކުރާރުކޮށް އެންގުމަށް ފަހު، 2010 ވަނަ އަހަރުގެ ޑިސެމްބަރު 21 ގައި އެތަނުން ވަނީ ފެންކަނޑާލައިފަ އެވެ. އެ މައްސަލައާ ގުޅިގެން އެތަނުގައި ދިއުއުޅޭ މީހުންވަނީ، އެމީހުންގެ އަސާސީ ހައްގުތައް ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް ބުނެ ސިވިލްކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.