އެމް.ޑަބްލިޔޫ.އެސް.ސީ އާއި ޖަޕާނުގެ ހިޓާޗީ ކުންފުންޏާ ގުޅިގެން މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީން ފަށާ އޮޕަރޭޝަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިފްތިތާޙް ކޮށްދެއްވައިފި އެވެ.


މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑެތި އެހީތަކެއް ފޯރުވައިދީފައިވާ ޤައުމެއްކަން ފާހަގަކުރެއްވި އެވެ. އަދި ހިލޭ އެހީގެ އިތުރުން، ރާއްޖޭގައި އިންވެސްޓްކުރުން ފުޅާކުރުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ ފިޔަވަޅެއްކަމަށް ވިދާޅުވެ، މިކަމަށްޓަކައި ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ، ފެންކަމުގައިވިޔަސް ސާފުބޯފެން ލިބުމުގެ ދަތި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވަރަށް ބޮޑު ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން، މިކަމަށް ޙައްލެއް ހޯއްދެވުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރައްވައި، އެކަމުގައި އެމް.ޑަބްލިޔު.އެސް.ސީ.ގެ އެހީތެރިކަން ވަރަށް ބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޒަމާނުއްސުރެ ދިވެހިންނަކީ ބިމުއަޑިން ނަގާ ފެން ބޭނުންކުރަމުން އަންނަ ބައެއް ކަމަށާއި، އެހެންނަމަވެސް މިހާރު ރާއްޖޭގެ ބިމުގެ އަޑިން ނަގާ ފެނުގައި ލޮނުގެ އަސަރު ވަރަށް ބޮޑަށް އެބަހުރި ކަމުގައި ވިދާޅުވި އެވެ. މިކަމުގެ ސަބަބުތަކުގެ ތެރޭގައި ރަށްރަށުގެ އާބާދީ އިތުރުވުމާއި، މީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި އަދި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލޮނުފެން ސާފު ބޯފެނަށް ބަދަލުކުރާ ޕްލާންޓްތަކަށް ކަރަންޓް ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވަމުން، ރައްޔިތުންނަށް ހެޔޮއަގުގައި ފެނުގެ ޚިދުމަތް ފޯރުއްވައިދެއްވެން އޮތީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމުގައި ވިދާޅުވި އެވެ. އަދި، ރާއްޖޭގައި މަސައްކަތްކުރާ ކުންފުނިތަކުންވެސް ކުރިއަށް އޮތްތާނގައި މިފަދަ ވަސީލަތްތައް ބޭނުންކުރަމުން ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ނިންމި އެއްސަބަބަކީ، އެކަމަކީ އިޤްތިޞާދީގޮތުން ކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ސަރުކާރުގެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ސިޔާސަތުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ.އާއި ހިޓާޗީ ގްރޫޕާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.