ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން އައްޑޫ ސިޓީގެ މީދޫގައި ޔޫތު މިނިސްޓްރީން ގާއިމް ކުރި ފުޓްސަލް ދަނޑު ހުޅުވައިފިއެވެ.

މީދޫގައި ޔޫތު މިނިސްޓްރީން ގާއިމްކުރި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ ރޭ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ހަވާލުކޮށްގެން މީދޫގައި ގާއިމްކުރި ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި، އެމްއާރްޑީސީ އާއި އެ ދަނޑު ހެދުމަށް އެހީތެރިވެދިން ފެނަކަ ކޯޕަރޭޝަންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.

އެ ރަސްމިއްޔާތުގައި ދަނޑު ހުޅުވުމަށް ފަހު އެމްއާރްޑީސީން ދަނޑު ޔޫތު މިނިސްޓްރީއާ ހަވާލު ކޮށްފައި ވާއިރު، ޔޫތު މިނިސްޓްރީން ވަނީ އެ ދަނޑު ރަސްމީކޮށް އައްޑޫ ސިޓީ ކައުންސިލާ ހަވާލު ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު އަލީ މުހައްމަދު ދެއްކެވި ވާހަކަފުޅުގައި އެ ކައުންސިލުން ސިޔާސީ ގޮތުން ތަފާތު ވިސްނުންތަކެއް ގެންގުޅުނު ކަމުގައި ވިނަމަވެސް، ރަށުގެ ތަރައްގީއަށް ކުރާ ކަންކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކަރަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މީދޫ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލާފައި ވަނީ ޔޫތު މިނިސްޓްރީގެ ޓީމަކާއި މީދޫ އޮފީސްތަކުގެ މުއައްޒަފުންގެ މެދުގައި ހޮވާލެވުނު ޓީމެއް ބައްދަލު ކުރި މެޗަކުންނެވެ. އެ މެޗުގައި ޔޫތު މިނިސްޓަރު މަލީހު ވެސް ބައިވެރިވެވަޑައިގެންފައިވާއިރު، 3-4 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބު ކުރީ ޔޫތު މިނިސްޓްރީގެ ޓީމެވެ.