18 Apr 2015, 23:56
ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައަށް ގަރުނެއް ފުރުން ފާހަގަ ކުރަން ތައްޔާރުކޮށްފައިވާ އޮސްޓްރޭލިއާގައި ވެރިރަށް މެލްބަންގެ ސްޓޭޓް އޮފް ވިކްޓޯރިއާ ސަރަހައްދަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި އެޤައުމުގެ ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު މިފަސް މީހުން ހައްޔަރު ކުރިކަން އިއުލާން ކުރުމާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓް ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވެފައިވަނީ މިހަމަލާ އަމާޒު ކުރުމަށް މަސައްކަތް ކޮށްފައިވަނީ 'އެންޒެކް' ދުވަހުގެ މުސާސަބަތުގައި ބައިވެރިވާ ފުލުހުންގެ އޮފިސަރުންނަށާއި ފުލުހުންގެ ސަފުތަކަށް ކަމަށެވެ.
ބޮޑުވަޒީރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ހަމަލާ ދިނުމަށް މަސައްކަތްކޮށްފައި ވަނީ ތިން މީހުންކަމަށާއި އަނެއް ދެމީހުން ޙަރަކާތްތެރިވެފައިވަނީ ހަމަލާ ރޭވުމަށް ކަމަށެވެ.
"މިހަމަލާ ދިނުމުގައި ބައިވެރިވާ ފަސް މީހުން މިހަމަލާ ދިނުމަށް ރާވާފައިވަނީ މެދުއިރުމަތީގައި ހަމަނުޖެހުން ހިންގާ ދާއިޝް ޖަމާޢަތުން ހިތްވަރު ލިބިގެން،" އެބޮޓްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
އޮސްޓްރޭލިއާގެ ސްޓޭޓް ފުލުހުންގެ ޑެޕިޔުޓީ ކޮމިޝަނަރު ޝާން ޕޮޓޮން ވިދާޅުވީ މިޙަމަލާ ރޭވުމުގައި ބައިވެރިވި ދެމީހުން ގުޅިފައިވަނީ އަބްދުލް ނޫމާން ހައިދަރު ކިޔާ ޢުމުރުން 18 އަހަރުގެ ޒުވާނަކާ ކަމަށެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ބުނަނީ ހައިދަރަކީ މީގެ 10 އަހަރު ކުރިން އަފްޣާނިސްތާނުން އޮސްޓްރޭލިއާއަށް އައި ޒުވާނެއް ކަމަށާއި މިދިޔަ އަހަރުގެ ސްޕްޓެމްބަރު މަހު މެލްބަންގެ ފުލުހުންގެ މައި އިދާރާއަށް ހަމަލާ ދިނުމަށް ރާވާފައިވާ ކަމަށެވެ.
ޕެޓޮން ވިދާޅުވީ މިހަމަލާ މިއަދު ނުދެވުމުން، ރޭވިގެން އެހެން ޙަމަލާއެއް މިހަފްތާގައި ދިނުމުގެ ފުރުޞަތު ބޮޑުކަމަށެވެ.
އޮސްޓްރޭލިއާގެ ފުލުހުންގެ އިދާރާގެ އިސް އޮފިޝަލަކު އިތުރަށް ބުނީ 'އެންޒެކް' ދުވަހުގެ ހަރަކާތްތައް ނިމެންދެން މެލްބަންގެ ސަލާމަތީ ކަންކަން އިންތިހާއަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
އެންޒެކް ދުވަހަކީ 1915ގައި އޮސްޓްރޭލިއާ ނިއުޒިލެންޑްގެ އަސްކަރީ ބާރަތަކުގެ މެދުގައި ހިންގި ކުރިމަތިލުންތަކަށް ނިމުމެއް އައި ދުވަހެވެ. އެންޒެކްގެ ޙަގީގީ ބަތަލައްގެ ގޮތުގައި އޮސްޓްރޭލިއާއިން ބަލައިގަންނަނީ އޮސްޓްރޭލިއާގެ ރައްޔިތެކެވެ. މިކުރިމަތިލުންތަކުގެ ތެރެއިން ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށިގެން ދިޔައެވެ.