ފ. އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށްކަމަށްވާ އެ އަތޮޅު މަގޫދޫގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މީގެ އިރުކޮޅެއް ކުރިން މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މަގޫދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއާ ހަވާލުވެފައިވާ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވީ، މަގޫދޫ ބަނދަރު ހެދުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ކަމަށާއި އެ ބަނދަރުގެ އަމަލީ މަސައްކަތް މިދިޔަ ޑިސެމްބަރުގައި ފެށި ކަމަށެވެ. ނަމަވެސް އެ މަޝްރޫއު އެއްކޮށް ބަދަލު ކުރަން ޖެހުމުގެ ސަބަބުން މަސައްކަތް ހުއްޓާލުމަށްފަހު މިއަދު އަނެއްކާ އެ މަޝްރޫއު ރަސްމީކޮށް ފެށުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، އެ ބަދަރަކީ ފުޅާ މިނުގައި 250 ފޫޓު ހުރި ބަނދަރެއް ކަމަށާއި އެ ބަނދަރު ހެދުމަށް 40.1 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ މުބީން ވިދާޅުވީ، މަގޫދޫގައި ސިޔާސީ ހަލަބޮލިވުންތަކެއް އޮތް ކަމުގައިވީ ނަމަވެސް ރަށުގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރަނީ ރަށުގެ ހުރިހާ ރައްޔިތުން އެކަތި ގަނޑަކަށް ވެގެން ކަމަށެވެ.

މަގޫދޫގެ ބަނދަރުގެ މަސައްކަތަކީ ރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ހުވަފެނުގައި މިއަދު ކުލަ ޖެހެން ފަށާފައިވާ ކަމަށްވެސް މުބީން ވިދާޅުވިއެވެ.

އެމްޓީސީސީން ބުނީ، މަގޫދޫ ބަނދަރުގެ މަސައްކަތް މިއަދު އަމަލީ ގޮތުން ފަށާފައިވާއިރު އެ ބަނދަރު، 351 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.