18 Apr 2015, 22:07
އެމެރިކާގެ މަޝްހޫރު ފިލްމު ސްޓޫޑިއޯ، ޔުނިވާސަލް ޕިކްޗާސްގެ "ފިއުރިއަސް 7" އަށް 17 ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ފައިދާއެއް އިއްޔެ ލިބިއްޖެއެވެ.
މިމަހުގެ ތިން ވަނަ ދުވަހު ތްރީޑީކޮށް މުޅި ދުނިޔެއަށް ރިލީޒްކުރި، "ފިއުރިއަސް 7" އަށް ލިބުނު އެ ފައިދާއާއެކު، އެ ފިލްމު ވަނީ މިހާތަނަށް ނުކުތް ފިލްމް ތަކުގެ ތެރެއިން އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނު ފުރަތަމަ ފިލްމުގެ ރިކޯޑް ހަދާފައެވެ.
"ދަ ފާސްޓް އެންޑް ދަ ފިއުރިއަސް" ގެ ހަތް ވަނަ ފިލްމު، "ފިއުރިއަސް 7" އެ ރިކޯޑް މުގުރާލީ، މީގެ ކުރިން 19 ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދައިގެން އެ ރިކޯޑް އޮތް "ދަ އެވަންޖާސް" އާއި "އެވަޓާ" އަދި "ހެރީ ޕޮޓާ އެންޑް ދަ ޑެތްލީ ހެލޯސް – ޕާޓް ޓޫ" ފަހަތަށް ޖެއްސުމަށްފަހު އެވެ.
"ފިއުރިއަސް 7" އަށް ލިބުނު އެ ރިކޯޑާއެކު، އެ ފިލްމު ވަނީ ޔުނިވާސަލްގެ 103 އަހަރުގެ ދިގު ތާރީހުގައި އެ ސްޓޫޑިއޯ އިން އުފެއްދި ފިލްމަކަށް އެއް ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނު ފުރަތަމަ ފިލްމުގެ ޝަރަފު ވެސް ހޯދާފަ އެވެ.
ޔުނިވާސަލް ސްޓޫޑިއޯއިން ބުނާގޮތުން، މިހާތަނަށް ނުކުތް "ދަ ފާސްޓް އެންޑް ދަ ފިއުރިއަސް" ގެ ހަތް ފިލްމަށް މުޅި ޖުމްލަ 3.4 ބިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ.
ޖޭމްސް ވަން ޑައިރެކްޓްކޮށް ތަރިންގެ ގޮތުގައި ވިން ޑީސަލް އާއި ޑުވޭން ޖޯންސަން އާއި މިޝޭލް ރޮޑްރިގޭޒް ގެ އިތުރުން އޮޑާނާ ބްރުސްޓާ އާއި ޓައިރީސް ގިބްސަން އާއި ލުޑަކްރިސް އަދި ޖޭސަން ސްޓޭތަމް ފެނިގެންދާ "ފިއުރިއަސް 7" އަކީ "ފާސްޓް އެންޑް ދަ ފިއުރިއަސް" ގެ އެއް ބަތަލް އަދި 2013 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި މަރުވި ޕައުލް ވޯކާ ފެނިގެންދާ އެންމެ ފަހު ފިލްމެވެ.
މައުލޫމާތު - ނޫސް އެޖެންސީތައް