18 Apr 2015, 11:47
ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވުމުގެ ކުރިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ ދޮން ބައްޕަ މ. ދިއްގަރު ބަށިމާގޭ އިސްމާއިލް ރައުފްގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައޫފްގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ވެސް އިތުރުކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަށް ކަމަށެވެ. ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް ޢަބްދުﷲ ސަތީޙް ވިދާޅުވީ، އުމުރުން 36 އަހަރުގެ ރައުފަކީ މީގެ ކުރިންވެސް ދޮންދަރިއަކަށް އަނިޔާ ކުރި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށެވެ.
ސަތީހު ވިދާޅުވީ އޭނާ މީގެކުރިން އާފިޔާއަށް ވެސް ގޯނާކޮށްފައިވާކަން ތަހުގީގުން ހާމަވާ ކަމަށެވެ. އަދި އޭނާގެ އަމިއްލަ ދަރިއަކަށާއި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ސަތީހު ވިދާޅުވި އެވެ.