ދަނޑުން ބޭރުގައި ހިފައްޓަން ޖެހޭ އަޚުލާގީ މިންގަނޑުތައް ނުހިފެއްޓުމުން ލިވާޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ޓީމްގެ 20 އަހަރުގެ ފޯވާޑް ރަހީމް ސްޓާލިންގްއާ ކޯޗް ބްރެންޑަން ރޮޖާސް ވާހަކަ ދައްކައިފިއެވެ.

މިދިޔަ ހަފްތާތެރޭ ސްޓާލިންގް ނައިޓްރަސް އޮކްސައިޑް ބޭނުން ކުރާތަން ދައްކުވައިދޭ ފޮޓޯ ތަކެއް އާންމު ވެފައި ވާއިރު، އޭނާ އާއި ލިވަޕޫލަށް މިހާރު ކުޅެމުން އަންނަ 19 އަހަރުގެ ޖޯޑަން އިބޭ ޝީޝާއެއް ބޭނުންކުރަން ތިބިތަން ދައްކުވައިދޭ ފޮޓޯ ތަކެއްވެސް ވަނީ އާންމު ވެފައެވެ.

ގާނޫނާ ޚިލާފު ނޫނަސް މަސްތުވާ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ބޭނުން ކުރާ ނައިޓްރަސް އޮކްސައިޑް، ނުވަތަ "ލާފިންގް ގޭސް"، ބޭނުން ކުރުމުން، ރޮޖާސް ވަނީ ދަނޑުން ބޭރުގައި ކުޅުންތެރިންގެ އަމަލުތައް ބަހައްޓަން ޖެހޭ ގޮތާއި ޒިންމާތަކާ ބެހޭ ގޮތުން އެ ދެ ކުޅުންތެރިންނާ ވާހަކަ ދައްކާފައެވެ.

"ކޮންމެ ކުޅުންތެރިއަކަށްވެސް މިސްޓޭކެއް ހެދިދާނެ، އަދި ވަކިން ޚާއްސަކޮށް އެފަދަ އުމުރުން ހަގު ކުޅުންތެރިންނަށް. އާންމުކޮށް ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަކީ އަޚުލާގީ މިންގަނޑުތައް ދަމަހައްޓާ ބައެއް. ގިނަ ފަހަރަށް އެ މީހުން ކުރާ ކަންކަމަކީ ފަޅާ އަރާނެ ކަންކަމެއްވެސް ނޫން. ނަމަވެސް އެކަން ފަޅާ އެރިޔަސް، އެ ކުޅުންތެރިންނަކީ ކަންކަން ދަސްކުރަމުންދާ ޒުވާން ކުޅުންތެރިންކަން ހަނދާން ކުރަން ޖެހޭ،" ރޮޖާސް ބުންޏެވެ.

ސްޓާލިންގްގެ މައްސަލައިގައި ބުރާސްފަތި ދުވަހު ރޮޖާސް އޭނާއާ ވާހަކަ ދެއްކުމަށް ފަހު މިހާރު އެ މައްސަލަ ނިމިފައި ވާކަމަށާއި، ސްޓަރލިންގްއާ މެދު ފިޔަވަޅެއް ނާޅާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

ރޮޖާސް ބުނީ ސްޓާލިންގް ކުރި ކަންތަކުގެ ޒިންމާ އޭނާ އުފުލާފައި ވާކަމަށާއި، އެފަދަ ކަންކަމަކީ އެހާ ހަގު ކުޅުންތެރިންގެ ކެރިއާގެ ކުރިމަގަށް އަސަރު ކުރާނެ ކަންކަން ކަމަށެވެ.

"ސްޓާލިންގްއަށް ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އޭނާ ގަބޫލު ކުރި. އޭނާގެ އިތުރުން ޖޯޑަންއާވެސް އަހަރެން ވަހަކަ ދެއްކިން. ގާނޫނާ ޚިލާފު ނުވިޔަސް، އެފަދަ ކަންކަމަކީ އެ ކުޅުންތެރިންގެ ކުރިމަގަށް އަސަރު ކުރާނެ ކަންކަން. އެފަދަ ކަންކަމުން ސިއްހަތަށް ކުރާނެ އަސަރާއި، ފުޓްބޯޅައިގައި ކުރިއެރުން ހޯދަން ރަނގަޅު ސިއްހަތަކީ ކިހާ މުހިންމު އެއްޗެއްކަން އެ ކުޅުންތެރިންނަށް ވިސްނައިދޭން ޖެހޭ،" ރޮޖާސް ބުންޏެވެ.

ކިއުޕީއާރްގެ ޔޫތު ޓީމުން 2010 ވަނަ އަހަރު ލިވާޕޫލަށް ބަދަލުވި ސްޓާލިންގް އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފަށާފައި ވަނީ 2012 ވަނަ އަހަރު އެވެ. އަދި މި ސީޒަންގައި ސްޓާލިންގް ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، ޑާބީ ކައުންޓީއަށް ލޯން ކުޅުންތެރިއެއްގެ ގޮތުގައި ކުޅުމަށް ފަހު މި އަހަރު ލިވަޕޫލަށް ބަދަލުވި، ޖޯޑަން އިބޭ ވަނީ މި ސީޒަންގައި އެ ޓީމަށް އަށް މެޗު ކުޅެދީފައެވެ.