18 Apr 2015, 11:07
ރެއާލް މެޑްރިޑްގެ އެއް ނަންބަރު ގޯލްކީޕަރު އިކާ ކަސިޔަސްގެ ބަދަލުގައި އެހެން ކީޕަރެއް ޓީމަށް ނުގެންނާނެ ކަމަށް އެޓީމްގެ ކޯޗް ކާލޯ އަންޗޮލެއްޓީ ބުނެފިއެވެ.
މަލާގާއާ ދެކޮޅަށް މިރޭ ނިކުންނަ މެޗްގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަންޗޮލެއްޓީ ވަނީ ތިން ފަހަރަށް ކަސިޔަސް ފޮނުވާނުލާނެ ކަމަށް ބުނެފައެވެ.
"އަހަރެމެން އިތުރު ގޯލްކީޕަރެއް ނުގެންނާނަން. ނުގެންނާނަން. ނުގެންނާނަން އިތުރު ކީޕަރެއް ގެނައުމުގެ ވާހަކަތައް ރެއާލް މެޑްރިޑަކުން ނުދައްކާ،" އަންޗޮލެއްޓީ ބުންޏެވެ.
އަންޗޮލެއްޓީ ބުނީ ކަސިޔަސް އޭނާގެ ކެރިއާ ނިމެންދެން ޓީމްގައި ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. ކުރިން ސްޕެއިންގެ 'އިޒް' ރޭޑިއޯއާ ވާހަކަ ދައްކަމުން އަންޗޮލެއްޓީ ބުނީ ކަސިޔަސްގެ ކުރިމަގާމެދު ވަރަށް ސާފު ހިޔާލެއް އޭނާ (ކަސިޔަސް) ގެ އޮންނާނެކަމަށެވެ.
ކަސިޔަސްގެ މިހާރު ކޫލުމާމެދު ސުވާލު ކުރުމުން އަންޗޮލެއްޓީ ބުނީ ކަސިޔަސްއަކީ ރެއާލްގައި އެންމެ ފޯމްގައި ހުރި ކީޕަރު ކަމަށާއި ވަކި ކުޅުންތެރިޔަކު ޓީމަށް ނަގާކަށް އެއްވެސް މީހަކު ނާންގާކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ވާދަވެރި އެތްލެޓީކޯ މެޑްރިޑްގެ ހަމަލާއެއް ހުއްޓުވުމަށް ކަސިޔަސް މަސައްކަތް ކުރަނީ --- ފޮޓޯ/ އޭޕީ
"ކަސިޔަސް ފޯމްގައި ނެތް ނަމަ އަހަންނެއް އޭނާ ނުނަގާނަން. އަހަރެން އޭނާ އެންމެ ގިނަ ފުރުޞަތު ދެނީ ރެއާލްގައި މެޑްރިޑްގައި އެންމެ ފޯމްގައި ހުރި ކީޕަރު ކަމަށްވާތީ. މެޗަށް އަރުވާނެ ކުޅުންތެރިން ނެގުމަކީ އަހަރެންނަށް އޮންނަ އިހްތިޔާރެއް،" އަންޗޮލެއްޓީ ބުންޏެވެ.
ސްޕެއިންގެ ގައުމީ ޓީމާ ރެއާލް މެޑްރިޑްގެ ކެޕްޓަންކަންވެސް ކުރަމުން ގެންދާ ކަސިޔަސް ފޮނުވާ ނުލާނެކަމަށް އަންޗޮލެއްޓީ ވާހަކަ ދެއްކިއިރު، މެންޗެސްޓާ ޔުނެއިޓެޑަށް ކުޅެމުންގެންދާ ސްޕޭންގެ ގައުމީ ޓީމްގެ ބަދަލު ކިޕަރު ޑޭވިޑް ޑެހެއާ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ފެތުރިފައެވެ.
މޮރީނިއޯ ރެއާލްގެ ކޯޗަކަށް ހުރި އިރު 2012 ވަނަ އަހަރު ކަސިޔަސްއަށް ލިބުނު އަނިޔާއަށް ފަހު މިއަހަރާއި ޖެހެންދެން އޭނާގެ އަސްލު ފޯމް ނުދެއްކޭ ކަމަށް ބުނެ ސްޕެއިންއާ ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑްކިޔާފައެވެ.
ނަމަވެސް މިއަހަރު އޭނާގެ ކުޅުން އަސްލު ފޯމަށް ވަނީ އެޅިފައެވެ. އަދި އޭނާ ދަނީ ބޮޑެތި މެޗްތަކުގައި މުހިންމު ސޭވްތަކެއް ކުރަމުންނެވެ.