18 Apr 2015, 10:26
ރާއްޖޭގެ ކެންސާ ސޮސައިޓީ (ސީއެސްއެމް) އާއި އެފްއީއެމް ސާޖަރީ އަދި ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލާ ގުޅިގެން ރާއްޖޭގައި ބްރެސްޓް ކެންސަރު ސްކްރީނިން އާއި ކެންސަރާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށާއި ފަސޭހަކަމާ އެކު ބްރެސްޓް ކެންސަރުގެ ސްކްރީނިން ހެދޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް ކުރިއަށްދާ އެ ޕްރޮގްރާމް އަމާޒު ކޮށްފައި ވަނީ ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީގައި ކަމަށް ސީއެސްއެމް އިން ވަނީ ބުނެފަ އެވެ.

ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އުތުރުގެ ދެ ރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ސީއެސްއެމް
އެ ޕްރޮގްރާމްގައި އާންމު ރައްޔިތުންނާއި ސްކޫލު ދަރިވަރުންގެ ތެރެއިން ގްރޭޑު އަށަކުން މަތީގެ ދަރިވަރުންނަށް ކެންސަރު ބައްޔަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ހާއްސަ ސެޝަންތަކެއް ކުރިއަށްދާނެ ކަމަށް އެ ސޮސައިންޓީ އިން ބުންޏެވެ.
ކުޅުދުއްފުށީގައި އެ ޕްރޮގްރާމް، މިދިޔަ ބުދަ އާއި ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވާ އިރު އެ ޕްރޮގްރާމްގައި ރަށުގެ އާންމުންނާއި ދަރިވަރުންގެ 500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރި ވެފަ އެވެ. އެގޮތުން 450 މީހުން ވަނީ ބްރެސްޓް ކެންސަރު ސްކްރީނިން ޕްރޮގްރާމްގައި ބައިވެރި ވެފައިވާ ކަމަށް ސީއެސްއެމް އިން ބުންޏެވެ.

ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އުތުރުގެ ދެ ރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ސީއެސްއެމް
ދިއްދޫގައި އެ ޕްރޮގްރާމް މިހާރު ކުރިއަށް ދާއިރު އެރަށުގައި ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ދޭން ފަށާފައިވަނީ އިއްޔެ އެވެ.
ފާއިތުވި އަހަރު ވެސް އެފަދަ ޕްރޮގްރާމެއް ރާއްޖޭގައި ހިންގާފައިވާ ކަމަށް ސީއެސްއެމް އިން ވަނީ ބުނެފަ އެވެ. އެ ހިންގުނު ޕްރޮގްރާމް އަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށް ވެސް އެ ސޮސައިޓީ އިން ވަނީ ބުނެފަ އެވެ.