ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 30/18 ވިމެންސް ފުޓްސެލް ފިއެސްޓާގައި ޕޮލިސް ކްލަބް ޖެހިޖެހިގެން ތިންވަނަ އަހަރަށް ބަލިކުރުމަށް ފަހު، ކްލަބް އިމިގްރޭޝަން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

އިއްޔެ ހަވީރު މާފަންނު ފުޓްސެލް ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލްގައި ޕޮލިހުގެ މައްޗަށް އިމިގްރޭޝަން ކުރި ހޯދީ 6-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި، އިމިގްރޭޝަންގެ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލްޔަސާރީ ވަނީ ޓީމަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މެޗުގައި އިމިގްރޭޝަންގެ ބަކީ ދެ ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މައުލީނާ ނޮވްރިލިއާނީ އާއި ފަދުވާ ޒާހިރު އެވެ. ޕޮލިހަށް މެޗުގައި ކާމިޔާބު ކުރެވުނު ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބަންގްލަދޭޝްގެ ކަތުން ސަބީނާ އާއި މަރިޔަމް މުހައްމަދު (މާޔަން) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި އިމިގްރޭޝަނަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދިން ރާނީ އެވެ. އޭގެ އިތުރުން 16 ލަނޑާއެކު އޭނާ ވަނީ މުބާރާތުގެ ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ "އެލައިޑް ސަޅި ގޯލް ސްކޯރާސް އެވޯޑް" އާއި "އެޑިޑާސް ހޭޓާސް ބޫޓް" ހޯދީ މި އަހަރުގެ ވިމެންސް ފުޓްސެލް ފިއެސްޓާގައި ޕޮލިސް ކްލަބަށް މުޅިއަކު 37 ލަނޑު ކާމިޔާބު ކޮށްދިން ކަތުން ސަބީނާއެވެ.

އަންހެން ބައިގެ މޮޅު ކުޅުންތެރިންނަށް ހޮވުނު ފަރާތްތަކަށް އިނާމް ދޭން ހަމަޖެހިފައި ވަނީ މިއަދު ކުޅޭ އެ މުބާރާތުގެ ފިރެހެން ބައިގެ ފައިނަލް ނިމުމުންނެވެ. މިއަދު ހަވީރު ކުޅޭ ކްލަބް މޯލްޑިވްސް ކަޕްގެ ފިރެހެން ބައިގެ ފައިނަލްގައި ވާދަކުރަން ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ ޗެންޕިއަން އެސްޓީއޯ އާއި އަލަށް ފައިނަލަށް ދަތުރުކުރި އެލައިޑް އެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ. ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިން ކުރިއަށް ގެންދާ ކްލަބް މޯލްޑިވްސް ކަޕްގައި މިފަހަރު ފިރެހެން 36 ޓީމާއި އަންހެން 12 ޓީމު ވާދަކޮށްފައި ވެއެވެ.