މޮސްކޯ (އެޕްރީލް 18) : ޔުކްރޭންގެ މައްސަލައާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހާލެވޭ ފަދަ ބާރުގަދަ އިގްތިސާދެއް ބިނާކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކައިރި މުސްތަގްބަލެއްގައި ނައްތާލާނެ ކަމަށް ރަޝިޔާ އުންމީދު ނުކުރާ ކަމުގަ އެވެ. އަދި މިފިޔަވަޅުތައް ބޭނުންކޮގެން ރަޝިޔާގެ ސިޔާސަތުތައް ބަދަލުކުރެވޭނެ ކަމަށް ހުޅަނގުން ހީކުރުމަކީ ގޯހެއްކަމަށާ ރަޝިޔާގެ ސިނާއީ އުފެއްދުންތަކާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށްގެން ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށް ގަދަވެގަނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ އެމެރިކާ އާއި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިސާދު ވަރުގަދަކޮށް އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ހިތްވަރު ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެން ދިޔުމަކީ ހެޔޮފާލެއް ކަމުގަ އެވެ. އަދި ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށް ގަދަވެގަނެވޭ މިންވަރަށް އުފެއްދުންތައް އިތުރުކޮށް އެފިޔަވަޅުތަކުގެ ބާރު ކަނޑުވާލެވޭނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. މިގޮތުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް ބަލިކަށިވެ މިހާރު ދަށަށް ގޮސްފައިވާ ރަޝިޔާގެ ފައިސާގެ އަގު ވެސް މަތިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕޫޓިން ވިދާޅުވި އެވެ. (ބީބީސީ)