18 Apr 2015, 09:40
ރިޔާޒް (އެޕްރީލް 17) : ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކުގެ މަގްސަދު ޙާސިލް ވަމުންދާ ކަމަށް ވިދާޅުވެ ސައޫދީ އަރަބިޔާގެ އަސްކަރީ ތަރްޖަމާން ބްރިގޭޑިޔާ އަހްމަދުލްއުސައިރީ ވާހަކަ ދައްކަވައިފި އެވެ.
ސައޫދީންގެ ވައިގެ ޙަަމަލާތަކާ ބެހޭ މައްލޫމާތު ދެއްވަމުން އުސައިރީ ވިދާޅުވީ ޙޫޘީންނާއި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް ބަލިކަށިވަމުން ދިޔުމަކީ ވައިގެ ޙަމަލާތަކުގެ މަގްސަދް ޙާސިލްވަމުން ދިޔުންކަމުގަ އެވެ. ވައިގެ ޙަމަލާތައްދެނީ ޙޫޘީންނާއި ރައީސް ސާލިޙްގެ ބާރުތައް ހަރަކާތްތެރިވާ ތަންތަނަށާއި އެމީހުންގެ ހަތިޔާރު ގުދަންތައްފަދަ ތަންތަނަށް ކަމަށް ވެސް އުސައިރީ ވިދާޅުވި އެވެ. ނަމަވެސް މުސްތަގިއްލު ރިޕޯޓްތައް ބުނާ ގޮތުން ސައޫދީންގެ ވައިގެ ޙަމަލާތަކުގައި ވަނީ ޔަމަންގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރުވެ އެއާޕޯޓްތަކާއި އާންމުންގެ ގެދޮރު ފަދަ މަދަނީ އިންފްރާސްޓްރަކްޗާ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ޔަމަންގެ ގިނަ ރަށްތަކުން ކާބޯތަކެތި ހުސްވުމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކުވަނީ ހައިހޫނުކަމުގެ ވޭން ތަޙައްމަލް ކުރަންފަށާފަ އެވެ. އަދި ޔަމަންގެ ހޮސްޕިޓަލްތަކުން ބޭހާއި މެޑިކަލް ސާމާނު ހުސްވެފައިވާއިރު އަވަސްގޮތަކަށް ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް ސާމާނު ފޯރުކޮށްނުދީފި ނަމަ މިލިޔަނެއްހާ ކުޑަކުދިންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެ ކަމުގެ އިންޒާރު ޔަމަންގެ ސިއްޙަތާބެހޭ ވަޒީރުގެ ނައިބު އިއްޔެވަނީ ދެއްވާފަ އެވެ. ސައޫދީންގެ ވައިގެ ޙަމަލާތަކުގައި ޔަމަންގެ އާންމުން މަރުވަމުންދިޔުމަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވިދާނެ ކަންތައްތައް ކަމުގެ އިންޒާރު އދ. ގެ ހިޔުމަން ރައިޓްސް ކޮމިޝަނަރ ވަނީ ދެއްވާފަ އެވެ.
އަނެއްކޮޅުން ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަން ބާރުތަކުން އެއްގަމު މަގުން ޔަމަނަށްވަދެ ބިންމަތީ ހަނގުރާމަ ނުފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ޔަމަންގެ ނައިބު ރައީސް ޚާލިދް ބަހާހު ވަނީ ވާހަކަ ދައްކަވާފަ އެވެ. ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒް ގައި ވާހަކަ ދައްކަވަމުން ބަޙާހް ވިދާޅުވީ އެއްގަމުމަގުން ހަނގުރާމަ ކުރަންޖެހުމަކީ ގެއްލުންބޮޑު ކަމެއްކަމަށާ އެހިސާބަށް ކަންތައް ނުގޮސް ޔަމަނަށް ސުލްޙަ ގެނައުމުގެ ވާހަކަތައް ފެށުން މުހިއްމު ކަމުގަ އެވެ.
ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ޙޫޘީ ހަނގުރާމަވެރިންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ފަރާތްތަކުން ހަތިޔާރު ބަހައްޓައިފި ނަމަ ސައޫދީ އަރަބިޔާއިން ދޭ ވައިގެ ޙަމަލާތައް ވެސް ހުއްޓާލާނެ ކަމަށާ އެހިސާބުން ސުލްޙައިގެ ވާހަކަތައް ފެށިދާނެ ކަމަށް ބަޙާހް ވިދާޅުވި އެވެ. ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކަށް ތިންހަފްތާވެފައިވާއިރު ވެސް ޙޫޘީ ހަނގުރާމަވެރިންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ފަރާތްތައް ބަލިކޮށްލެވިފައިނުވާ ކަމަށް މުސްތަގިއްލު ރިޕޯޓްތައް ބުނެ އެވެ.
ޔަމަނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންގެ ބޭނުމަކީ ހޫޘީ ޖަމާއަތް ބަލިކުރުމުގެ އިތުރުން ޔަމަންގެ ވެރިކަމުން އެއްފަރާތް ކުރެވިފައިވާ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް ވެރިކަން ހޯދައި ދިނުންކަމަށް ސައޫދީ އަރަބިޔާއިން ބުނެއެވެ. (ނޫސްއެޖެންސީތައް)