ފަސް ވަނަ އެމް ބީ އޭ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި މާބޮޑު އުނދަގުލެއްނެތި ލަންކާގެ ކާލްޓަން ބަލިކޮށް ޓީރެކްސް ފުރަތަމަ ފަހަރަށް ތަށި އުފުލާލައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދިޔަ ފައިނަލު މެޗުން ޓީރެކްސް މޮޅުވީ 73-60 ޕޮއިންޓުންނެވެ. މުޅި މެޗަށް ބަލާއިރުވެސް މޮޅަށް ކުޅެ ހުރިހާ ވަގުތެއްގައިހެން ގޭމް ކޮންޓްރޯލު ކުރަމުން ދިޔައީ 2010 ވަނަ އަހަރުގެ ސީޒަންގެ ހުރިހާ ތައްޓެއްވެސް ކާމިޔާބުކުރި ޓީރެކްސް އެވެ. މިމެޗުން މޮޅުވުމާއެކު 2010 ވަނަ އަހަރުގެ ހުރިހާ މުބާރާތެއްގެ ތަށި ޓީރެކްސްއަށް ލިބުނީ އެވެ. 2011 ވަނަ އަހަރު ބޭއްވި ނަމަވެސް މިއީ 2010 ވަނަ އަހަރުގެ މުބާރާތެކެވެ.

މުޅި މެޗަށް ބަލާއިރުވެސް ލަންކާގެ ޗެމްޕިއަން ކާލްޓަންއަށް ޓީރެކްސް ހާސްކޮށްލެވުނީ އެންމެ ދަނޑިވަޅެއްގައެވެ. އެއީ 3 ވަނަ ކުއާޓަރ ނިމެމުން ދިޔަ ވަގުތާއި 4 ވަނަ ކުއާޓަރ ފެށުނު ވަގުތުގައެވެ. ހަތަރުވަނަ ކުއާޓަރގައި 57-58ން ކާލްޓަން ލީޑް ހޯދި ވަގުތަކީ މުޅި މެޗުގައިވެސް އެޓީމަށް ލީޑް ލިބުނު ހަމައެކަނި ވަގުތެވެ. އެހެން ނަމަވެސް ޒަކަރިއްޔާ ޝިޔާމާއި އަޙްމަދު ޒަބީރުގެ ބާސްކެޓްތަކުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލުން އަނބުރާ ވަނީ ލީޑް ހޯދާފައެވެ. އެވަގުތު ޓީރެކްސްއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އިތުބާރު ކުޅުންތެރިޔާ އަލީ ފަޒްލީ 5 ފައުލް ހަމަވެގެން ފައިބަން ޖެހުމެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގައި މޮޅަށް ކުޅެ ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދިން ޒަކަރިއްޔާ ޝިޔާމެވެ.
މި މުބާރާތުގެ ތަށި އެންމެ ފަހުން ވިކްޓަރީ ބަލިކޮށް ގެންދިޔައީ ލަންކާގެ ސަމްޕަތު ބޭންކެވެ.