18 Apr 2015, 09:38
މިދިޔަ ބުދަ ދުވަހު ނިއުރޭޑިއަންޓާ މިޔަންމާގެ އަޔަވެދީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗްގައި ޓީމަށް އިރުޝާދު ދިން ސޮބާހް މުޙައްމަދު (ސޮބާ) ކޯޗިން ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އަޔަވެދީ ޔުނައިޓެޑާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު ސަންއާ ވާހަކަ ދައްކަމުން ސޮބާ ބުނީ ކޯޗިން ކެރިއާއަށް ޝައުގުވެރިވާ ކަމަށާއި އެކަމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ޓެކްނިކަލް ތަމްރީން ޕްރޮގުރާމްތަކުގައި ބައިވެރިވަމުންދާ ކަމަށެވެ.
އޭނާ ބުނީ ކޯޗިން ދާއިރާއަށް ރަސްމީކޮށް ނިކުންނަން ބޭނުންވަނީ އެކަށީގެންވާ ތަމްރީނާ ތަޖުރިބާއާ އެކުކަމަށެވެ.
"މިކަމަށް ވަގުތު ތަކެއް ނަގާނެ އަނެއްކާ އޭއެފްސީއިން ގަބޫލު ކުރަނީވެސް ބީ ލައިސެންސް އޮންނަ ކޯޗުން. އަހަރެން އަދި ފުރިހަމަ ކުރީ ސީ ލައިސެންސް،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ ނިއުގެ ޓީމްގައި ލިސްޓް ކުރެވިފައިވެސްވާނީ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށާއި އެހެންވެ މިއަހަރު ރަސްމީކޮށް ކުޅުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. މިކާއާއި އަނިލް ވަކިކުރުމުން ނިއުގެ އެސިސްޓެންޓު ކޯޗުގެ މަގާމް ފުރަމުން ގެންދަނީ ސޮބާއެވެ. މީގެއިތުރުން މިހާރުވެސް ސޮބާއަކީ ނިއުގެ އެކަޑަމީގެ އެންމެ އިސް ޓްރެއިނަރުވެސް މެއެވެ.
މާލޭގައި ކުޅުނު މެޗް 3-0 ގެ ނަތީޖާއަކުން ބަލިވުމަށްފަހު، މިދިޔަ ބުދަ ދުވަހު މިޔަންމާގައި ކުޅުނު މެޗްގައި އަޔަވެދީ ޓީމް ލަނޑެއް ނުޖަހައި ހިފެހެއްޓިއިރު އެމެޗްގައި ނިއުއިން ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ.
މިމެޗްގައި ނިއުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއެކު ފުޓްބޯޅަ އާއިލާގެ ގިނަ ފަރާތްތަކުން ވަނީ ސޮބާއަށް ތައުރީފްކޮށްފައެވެ. އޭގެ ތެރޭގައި އީގަލްސްގެ ހެޑް ކޯޗް އިހުސާން ޢަބްދު ޣަނީ (ސާންތީ) ހިމެނެއެވެ.
ސޮބާ ވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންސިޕްގެ ރަންމެޑަލް ރާއްޖެ ހޯދިއިރު ގައުމީ ޓީމްގެ ފަހަތުގައި ހުރެ މޮޅު ކުޅުމެއް ދެއްކާފައެވެ.