17 Apr 2015, 23:49
މިދިޔަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޖަރުމަންގެ ބަޔާން މިޔުނިކާއި ޕޯޗްގަލްގެ ޕޯޓޯ ބައްދަލު ކުރި މެޗްގައި ބަޔާން ބަލިވުމުގެ ތުހުމަތު އެޅުވުމުން ޓީމްގެ ޑޮކްޓަރު ހެންސް ވިލިއަމް މުލާ ވޮލްފާޓް އިސްތިއުފާދީފިއެވެ.
ބަޔާންގެ ޓީމްގެ އެންމެ އިސް މެޑިކަލް ސްޓާފްގެ މަގާމް 38 އަހަރުވަންދެން އަދާ ކުރަމުން ދިޔަ ވޮލްފާޓް ކުލަބުން އިސްތިއުފާ ދިން ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ޕޯޓޯ މެޗުން ބަލިވުމުން އެކަމުގެ ތުހުމަތުތައް އަޅުވާފައިވަނީ އޭނާއާ ބަޔާންގެ މެޑިކަލް ސްޓާފުންގެ ޑިޕާޓްމަންޓުގެ ބޮލުގައި ކަމަށެވެ.
"ޕޯޓޯގައި ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ފަހު ތަފްސީލީ އެއްވެސް ސަބަބެއް ނެތި މެޗުން ބަލިވުމުގެ އެންމެ ބޮޑު ތުހުމަތެއް އަޅުވާފައިވަނީ އަހަންނާއި ބަޔާންގެ މެޑިކަލް ޑިޕާޓްމެންޓް ބޮލުގައި،" ރޭ ދަންވަރު ޢާންމު ކުރި ބަޔާނެއްގައި ވޮލްފާޓް ބުނެފައިވެއެވެ.
ބަޔާންގެ ކޯޗު ގާޑިއޯލާއަށް ނިސްބަތްކޮށް ވޮލްފާޓު ބުނީ އިތުބާރާ ގުޅުމަށް ދާއިމީކޮށް އަސަރުކޮށްފައިވާ ކަމަށެވެ.
ޖަރުމަންގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވޮލްފާޓް އިސްތިއުފާ ދިނީ، ސީދާ ގާޑިއޯލާ، ވޮލްފާޓްއާއި ބަޔާންގެ މެޑިކަލް ޓީމްގެ ބޮލުގައި ތުހުމަތު އެޅުވުމުން ކަމަށެވެ.
މިފަހަކަށް އައިސް ވޮލްފާޓާ ގާޑިއޯލާގެ ގުޅުން އެހާ ރަނގަޅު ނޫންކަން ވަނީ ހަމަވެފައެވެ. އެއީ ބަޔާންގެ އަނިޔާގެ ލިސްޓް ދިގުވެ އެކަމާ ބެހޭގޮތުން ގާޑިއޯލާއާ ސުވާލު ކުރުމުން އޭނާ ދެމުންގެދާ ޖަވާބު ތަކުންނެވެ.
ބައެއް ކުޅުންތެރިންގެ ރިކަވާމެންޓާ ބެހޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާގެ ހަމައެކަނި ޖަވާބަކަށް ވެފައިވަނީ "އެކަން އެނގޭނީ މެޑިކަލް ޑިޕާޓްމެންޓަށް" ކަމަށެވެ.
ވޮލްފާޓާ ގާޑިއޯލާގެ ގުޅުން އެހާ ރަނގަޅު ނޫންކަން ހާމަވި އަނެއް ސަބަބަކީ އޭޕްރީލް އަށް ވަނަ ދުވަހު ބަޔާން ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މިމެޗްގައި މޮރަކޯގެ މެހެދީ ބެނާޓިއާ އިންޖަރީ ވުމާ ގުޅިގެން ގާޑިއޯލާ ވޮލްފާޓާ ދިމާލަށްގޮސް އަމަލުކުރި ގޮތުންނެވެ.
ބަޔާންގެ އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ފުރާންސްގެ ފޯވާޑް ފްރޭންކް ރިބެރީއާއި ޖަރުމަންގެ ގައުމީ ޓީމްގެ މިޑްފީލްޑަރު ބަސްޓިއަން ސްވައިންސްޓައިންގާ އާއި ހޮލެންޑްގެ ފޯވާޑު އާރެން ރޮބެން އާއި އޮސްޓްރިއާ ގައުމީ ޓީމްގެ ޑިފެންސިވް މިޑްފީލްޑަރު ޑޭވިޑް އަލްބާ ހިމެނެއެވެ. މިއިން އެއްވެސް ކުޅުންތެރިޔަކު ޕޯޓޯގެ މެޗުން ފެނިފައެއް ނުވެއެވެ. ޕޯޓޯއިން މިމެޗްގައި ބަޔާންގެ މައްޗަށް ކާމިޔާބު ހޯދީ 3-1 އިންނެވެ.
ސްޕޯޓްސް ފިޒީޝަނެއްގެ ގޮތުގައި1977 ވަނަ އަހަރު ހަރަކާތްތެރި ވަމުންދިޔަ ވޮލްފާޓް ވަނީ ޖަރުމަންގެ ގައުމީ ޓީމުގެ ޑޮކްޓަރުކަންވެސް ކޮށްފައެވެ. އަދި އެހެން ބައެއް ކުޅިވަރު ކުޅުންތެރިންނަށް ފަރުވާ ދީފައިވެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބާރުދުވުންތެރިޔާ އުސެން ބޮލްޓް ހިމެނެއެވެ.