17 Apr 2015, 22:56
އައްޑޫ ސިޓީގެ ހުޅުދޫގައި އިންޑޯ ކޮމްޕްލެކްސް އެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަސްފެށުމުގެ ކުރިން ނިންމާނެ ކަމަށް ޔޫތް މިނިސްޓާ މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.
އައްޑޫސިޓީގެ ހުޅުދޫގެ ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަލީހު ވިދާޅުވީ އިންޑޯ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ޒުވާނުންނަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.
"ހުޅުދޫ ޒުވާނަކު އަޅުގަނޑާ ސުވާލުކުރި ތިމަންނަމެންނަށް ބެޑްބިންޓަން ކުޅުމުގެ އިންތިޒާމު ހަމަޖެހޭނެތޯ. އެ ޒުވާނާ އަށް އަޅުގަނޑު ދަންނަވަނީ ކައިރި މުސްތަގުބަލެއްގައި އިންޑޯ ބެޓްބިންޓަން ކުޅެވޭނެ ނިޒާމު މިތާކައިރީ އިންވެގެން އެކަން ގާއިމުކުރެވޭނެ،" މަލީހު ވިދާޅުވިއެވެ.
"އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ވިސްނުން ހުރީ ރާއްޖޭން ބޭރުން ޕްރީ ފެބްރިކޭޓެޑް (ކޮށް އެކަން ކުރަން). އޭގެ މާނައަކީ އައިއްސަ މިތާގަ އަތުރާލެވޭނެ ކަހަލަ ސިސްޓަމަކުން އިންޑޯ ކޮމްޕްލެކްސް ގާއިމުކުރުން،" މަލީހު ވިދާޅުވިއެވެ.
ހުޅުދޫގައި މިރޭ ހުޅުވި ފުޓުސެލް ދަނޑުން މޮޅެތިކުޅުންތެރި އުފެދެން ބޭނުންވާ ކަމަށާއި އަަމާޒަަކީ ރާއްޖޭގައި ފުޓްސެލްގެ ވޯލްޑް ކަޕް ބޭއްވުން ކަމަށް މަލީހު ވިދާޅުވިއެވެ.
"މިއީ ހަމައެކަނި ފިރިހެން ބޭފުޅުންނަށް ގާއިމުކުރާ އިންފްރާސްޓަރަކްޗާ އެއް ނޫން. ފުުުުުުޓްސެލް ދަނޑުގައި އަންހެން ބޭފުޅުންނަށް އަންހެން ކަނބަލުންނަށް ކުޅެވޭނެ،" މަލީހު ވިދާޅުވި އެވެ. ހުޅުދޫގައި ހުޅުވި ދަނޑަކީ ރާއްޖޭގައި ހުޅުވި 14 ވަނަ ފުޓްސެލް ދަނޑެވެ.