17 Apr 2015, 22:02
އައްޑޫސިޓީގެ ހުޅުދޫގައި ފުޓްސެލް ދަނޑެއް ހުޅުވައިފި އެވެ. އެ ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
އެ ދަނޑުހުޅުވުމުގެ ގޮތުން ކުޅޭ ފުޓްބޯޅަ މެޗް މިހާރު ދަނީ ކުރިއަށެވެ. މެޗްގައި ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާ އިރު ދާއިރާ ތަރައްގީ ކުރުމުގެ ޔަގީން ދެއްވާކަމަށެވެ.
"މި ސަރުކާރަކީ ވައުދުނުވެ ވައުދު ފުއްދަވާ [ސަރުކާރެއް]،" ޝާހިދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ މި ފަހަރު އައްޑޫ ސިޓީގައި ހުޅެވޭ ދަނޑުތައް ހުޅުވުމުން އައްޑޫ ސިޓީ ވެގެންދާނީ ނިސްބަތުން އެއްމެ ގިނަ ފުޓްސެލް ދަނޑު ހުރި އަތޮޅަށް ކަަމަށެވެ.
"ފުޓްސެލް ދަނޑުތައް ފަޓާސް ބަރިއެއް" ހެން ހުޅުވަމުން ގެންދާނެ ކަމަށް މަލީހު ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި ހުޅުދޫ ސްކޫލުން ވަނީ މުނިފޫހިފިލުވުމުގެ ހަރަކާތެއް ގެނެސްދީފަ އެވެ.
މިމަހުގެ 11 ވަނަ ދުވަހު ވަނީ ފުވައްމުލަކު ދޫނޑިގަމުގައި ފުޓްސެލް ދަނޑެއް ހުޅުވާފަ އެވެ. މިއީ ރާއްޖޭގައި ހުޅުވާ 14 ވަނަ ފުޓްސެލް ދަނޑެވެ.