މިފްކޯއިން އިން ފ.ނިލަންދޫގައި އިއްޔެ އައިސްޕްލާންޓެއް ބަހައްޓައިފިއެވެ. މިއީ ދުވާލަކަށް 25 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ.

މި ކަމާއި ބެހޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ކޯޕަރޭޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ މެނޭޖާ އަހުމަދުު ހާޝިމް ވިދާޅުވީ މިއީ ތިން މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ.

" މި އައިސްޕްލާންޓްގެ ސަބަބުން މަސްވެރިންނަށް ދިމާވެފައިވާ އައިސްލިބުމުގެ ދަތިކަން ހައްލުވެ، މަހުގެ ކޮލިޓީ ރަނގަޅުވާނެ" ހާޝިމް ވިދާޅުވިއެވެ.

މި އައިސްޕްލާންޓުން އައިސް ވިއްކަމުންދާނީ ޓަނަކަށް 1000 ރުފިޔާގެ ރޭޓުން ކަމަށް މިފްކޯއިން ބުނެއެވެ.

މީގެ އިތުރުން ގދ. ގައްދޫގައި އައިސްޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް އަންނަ ހަފްތާތެރޭގައި ފައްޓަވާނެ ކަމަށް ހާޝިމް ވިދާޅުވިއެވެ. މިދިޔަ ހަފުތާތެރޭގައި މިފްކޯއިން ވަނީ ގދ. ފިޔޯރީގައި ވެސް އައިސްޕްލާންޓެއް ބަހައްޓާފައެވެ.