17 Apr 2015, 20:19
އެސްޓިއޯއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހުޅުވުމަށް ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން ހއ. ބާރަށުގައި ފާމަސީއެއް މިއަދު ހުޅުވާފިއެވެ. މި ބޭސް ފިހާރަ ހުޅުވާ ދެއްވީ އެސްޓިއޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަހީރު އެވެ.
ބޭސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ބާރަށު ކައުންސިލާ ގުޅިގެން ބާރަށް ތަރައްގީ ކުުރުމަށް އެސްޓިއޯއިން ކުރެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.
ބާރަށުގައި ހުޅުވާފައިވާ ބޭސްފިހާރައަކީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއުގެ ޚަރަދުގައި އިމާރަތްކުރުމަށް ފަހު އެސްޓިއޯއާ ހަވާލުކުރެއްވި ބޭސްފިހާރައެކެވެ. މީގެ އިތުރުން ބާރަށު ދާއިރާގެ ހިމެނޭ އަނެއް ތިން ރަށް ކަމަށްވާ މުރައިދޫ، ތަކަންދޫ އަދި އުތީމުގައި ވެސް ސުޖާއުގެ އަމިއްލަ ޚަރަދުގައި ބޭސްފިހާރަ އަޅުއްވާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބާރަށު ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްސެލް ދަނޑުގެ ބިންގާ ވަނީ އަޅާފައެވެ. ބިންގާ އަޅުއްވާދެއްވީ އެސްޓިއޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަހީރު އާއި އެސްޓިއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތުމަތު އާޝަން އާއި މެމްބަރު ސުޖާއު އެވެ.

ބާރަށު ފުޓްސެލް ދަނޑުގެ ބިންގާ އެޅުވައިދެއްވަނީ އެސްޓިއޯގެ އެމްޑީ އަހުމަދު ޝަހީރު، ސީނިއާ މެނޭޖާ ފާތުމަތު އާޝަން އަދި މެމްބަރު އިބްރާހިމް ސުޖާއު -- ފޮޓޯ: ބާރަށު ކައުންސިލް