ވިކްޓަރީ ސްޕޯޓްސް ކްލަބަށް ގެންނަން ނިންމާފައިވާ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ނައިޖީރިއާގެ ފޯވަޑް މިއަދު މެންދުރުފަހު ޓީމާ ގުޅޭނެ ކަމަށް ކްލަބުން ބުނެފި އެވެ.

ވިކްޓަރީގެ މެނޭޖަރ އަޙްމަދު އަޔާޒު ރަޝީދު މިއަދު ބުނީ ނައިޖީރިއާގެ އިސްކޮޅުން ދިގު ފޯވަޑްގެ ރިލީޒްވެސް ލިބިފައިވާ ކަމަށާއި އެހެންކަމުން އޭނާ އޭ އެފް ސީކަޕްގައިވެސް ފެންނާނެ ކަމަށެވެ. "އޭނާ މާލެ މިއަންނަނީ ގާނާ މަގުން. އެންމެ ފަހުން ކުޅެފައިވަނީ ގާނާގެ ޓީމަކަށް." އަޔާޒު ބުންޏެވެ.

އަޔާޒު ބުނީ ގާނާއިން ޓްރަޔަލްއަކަށް އައި ޑިފެންޑަރ މީގެ ދެ ދުވަސްކުރިން ޓީމާއެކު ޕްރެކްޓިސް ފަށާފަައިވާ ކަމަށާއި ފެންނަ ފެނުމަށް އޭނާ ރަނގަޅު ކަމަށެވެ.

"ގާނާގެ ކުޅުންތެރިޔާގެ ރިލީޒްވެސް ވަނީ ލިބިފައި. އެހެންވެ އޭނާއަށްވެސް އޭ އެފް ސީ ކުޅެވޭނެ." އަޔާޒު ބުންޏެވެ. ނަމަވެސް ލިސްޓްގައި ހިމަނާފައިވާ ސްރީލަންކާގެ ސަފްރާޒުގެ އައިޓީސީ ލަންކާ ފެޑަރޭޝަނުން ނުދިނުމުން އޭނާއަށް މުބާރާތުގައި ނުކުޅެވޭނެ ކަމަށް އަޔާޒު ބުންޏެވެ. "އޭ އެފް ސީކަޕްގައި ވިކްޓަރީ ޓީމުން ފެންނާނީ ބިދޭސީ ޑިފެންޑަރަކާއި ފޯވަޑެއް." އަޔާޒު ބުންޏެވެ.