17 Apr 2015, 19:24
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހަގީގީ މާނައިގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވާނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހުޅުދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކިތަންމެވަރަކަށް ފާޑުކިޔަސް ގަން އިންޓަނޭޝަނަލް އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި މިއަހަރުގެ ތެރޭގައި ތަރައްގީކޮށް ނިންމާނެ ކަމަށެވެ.
"ފާޑުކިއުންތެރިން ކިތައްމެ ފާޑުކިޔަސް އަޅުގަނޑުމެން މި ތިބީ ހަމަ މިއަހަރު ތެރޭ މާތް ރަސްކަލާގެ އިރާދަފުޅުން އައްޑޫ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދަން،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެއާޕޯޓުގައި ތާރަ އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ސީދާ ދަތުރުތައް ފެށުމަށް ބައެއް އެއާލައިންތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އޭގެތެރޭގައި ސްރީލަންކަން އެއާލައިންސް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ތަރައްގީކުރުމުގެ ޕްލޭނަށް ސަރުކާރުން ވަަރަށް އިސްކަންދޭ ކަމަށާއި މެނިފެސްޓޯގައި ހިމެނޭ ތަރައްގީގެ ތިން ނާރެހުގެ ތެރެއިން އެއްނާރެހަކީ އައްޑޫ ސިޓީ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑުމެެންގެ ތަރައްގީގެ ތިން ނާރެހެއް އެކުލެވިގެން އަޅުގަނޑުމެންގެ މެނިފެސްޓޯ ހެދިއިރު އޭގެ ތެރޭގެ އެއް ނާރެހެއްގެ ތެރޭގައި އައްޑޫ ހިމެނޭ،" އަދީބު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުން ރާވާފައި ވަނީ އައްޑޫގައި ފަތުރުވެރިކަން ފުޅާ ކުރުމަށް 5،000 އެނދު އެ ސިޓީގައި ތަރައްގީ ކުރަން ކަަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އައްޑޫ ސިޓީގެ މަޖިލީސް މެމްބަރުން އެ ސިޓީގެ ތަރައްގީއަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
ސަރުކާރުގެ އިސްވެރިން އައްޑޫ ސިޓީއަށް ކުރައްވާ އެ ދަތުރުފުޅަކީ އެ ސިޓީގެ އެކި ރަށްތަކުގައި ފްޓުސެލް ދަނޑުތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އަދީބުގެ އިތުރުން ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ވަޒީރުންގެ އިތުރުން ޕީޕީއެމްގެ 18 މަޖިލީސް މެމްބަރުން ވެސް ވަނީ އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފަ އެވެ.