17 Apr 2015, 16:00
ލ. ގަމުން: ޢަލީ ވާފިރު އާދަމް.
ލ.އަތޮޅު އަތޮޅުކައުންސިލްގެ ފަސްވަނަ ޤުރުއާން މުބާރާތް ރޭ ލ. ގަން ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގައި ފަށައިފިއެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ސަން އަށް ވިދާޅުވީ ލ. އަތޮޅު ކައުންސިލުން އިސްނަންގައިގެން ލ.އަތޮޅަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ބާއްވާ މިބުރާތުގައި މިއަހަރު ބައިވެފައިވަނީ ޖުމްލަ ހަ ރަށަކުން ކަމަށެވެ. އެއީ ލ. އިސްދޫ އާއި ކަލައިދޫ އާއި ދަނބިދޫގެ އިތުރުން ގަމާއި ފޮނަދޫ އާއި މާވަށުން ކަމަށް ވެސް ޔޫސުފް އާމިރު ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ ހަ ޢުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތް ބޭއްވުމުގެ މަޤުސަދަކީ މި މުޖުތަމައު އަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމައުއަކަށް ހެދުން ކަމުގައެވެ. މީގެ އިތުރުން ކިޔަވާކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، މައިންބަފައިންނާއި ޒުވާނުން ކީރިތި ޤުރުއާނަށް ޝައުޤުވެރިކުވުމާއި ޤައުމީ މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުން އެކަމަށް ހޭލުންތެރިކުރުވުން ވެސް މަގުސަދުގެ ގޮތުގައި ހިމެނޭކަމަށް ޔޫސުފް އާމިރު ވިދާޅުވިއެވެ.
“މި މުބާރާތް މި ބާއްވަނީ މުޅި އަތޮޅަށް ހުޅުވާލައިގެން. ފުރަތަމަ މިއޮންނަނީ ރަށުފެންވަރުގަ މުބާރާތެއް އެ މުބާރާތުން އެންމެ ރަނގަޅު މާކްސް ހޯދާ 15 ދަރިވަރުންނަށް މި މުބާރާތުގައި ބައިރި ވެވޭނެ. އެއީ ބަލައިގެން ކިއުމުގެ ގޮފިން 8 ދަރިވަރުންނާ ނުބަލާ ކިއުމުގެ ގޮފިން 7 ދަރިވަރުންނަން. އެ އަދަދަށް ހަމަ ނުވާ ރައްރަށް ވެސް އެބަހުރި. ނަމަވެސް އެރަށްރަށް ވެސް އަޅުގަނޑުމެން ވާނީ މުބާރާތުގައި ބައިވެރިކޮށްފަ." އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މުބާރާތުން ހޮވޭ އެންމެ މޮޅު ދަރިވަރުންނަށް ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޤައުމީ މުބާރާތުގެ ރަން ވަނަތައް ހާސިލް ކުރާ ދަރިވަރުންނަށް ބޭރު ޤައުމުތަކަށް ގޮސް ކިޔެވުމުގެ އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް އަތޮޅު ކައުންސިލުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޔޫސުފް އާމިރު ވިދާޅުވިއެވެ.