ޖަޒީރާ ޓީވީގެ ވަޒީފާއިން ވަކިކުރި ހަތަރު ޕްރެޒެންޓަރަކަށް މަސައްކަތުގެ އުޖޫރަ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިއްޔެ ނިންމި ނިންމުގައި ވަނީ ޖަޒީރާ ޓީވީގެ ޕާޓްޓައިމް ޕްރެޒެންޓަރުގެ ވަޒީފާ އަދާކުރި މ. ފްލޭގް އާއިޝަތު ހަލީމް އާއި ހއ. ދިއްދޫ ފާގަތިގޭ މަރިޔަމް ނަޒުވިއްޔާ އާއި ހދ. ކުމުންދޫ ސައްކެޔޮގޭ އަހްމަދު ޝަރީފްގެ އިތުރުން އއ. ބޮޑުފޮޅުދޫ މުސްތަރީގޭ ފާތިމަތު ނާސިފާއަށް ދޭންޖެހޭ އުޖޫރައެއް ނޯންނާނެ ކަމަށް ޖަރީޒާ ޓީވީ ހިންގި ޓެކްނޯ މީޑިއާ އިން ބުނިނަމަވެސް، ވަޒީފާގެ އެއްބަސްވުން ބާތިލްކުރިކަން އެކުންފުންޏަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން އެ މީހުންގެ ތެރެއިން އާއިޝަތު ހަލީމް ހުށަހަޅައި އަދި އުފައްދާފައިވާ ޕްރޮގްރާމްތަކަށް ދޭންޖެހޭ 750 ރުފިޔާ ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެމީހުންގެ ތެރެއިން ނަޒުވިއްޔާ ހުށަހަޅައި އަދި ކޯޕްރޮޑިއުސްކޮށްފައިވާ ޕްރޮގްރާމްތަކަށް ދޭންޖެހެ 500 ރުފިޔާ ދިނުމަށް އަމުރުކޮށްފައިވާއިރު، އަހްމަދު ޝަރީފް ހުށަހަޅާފައިވާ ޕްރޮގްރާމްތަކަށް ދޭންޖެހޭ 2،300ރުފިޔާ ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި ނާސިފާ ހުށަހަޅާފައިވާ ޕްރޮގްރާމްތަކަށް ދޭންޖެހޭ 950 ރުފިޔާ ދިނުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އެ ފައިސާ ހަތްދުވަހުގެ ތެރޭގައި އެމީހުންނާ ހަވާލުކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ލިޔުމުން އެކަން ޓްރައިބިއުނަލަށް އެންގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

ރަމަޟާން މަހުގެ އެލަވަންސް ހޯދުމަށް އެ ހަތަރު މީހުން އެދިފައިވީނަމަވެސް އެމީހުންނަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކުރާ މުސާރަ ކަނޑައެޅިފައިވާ ފަރާތްތަކެއް ކަމަށް ނުވާތީ، ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ފައިސާ ނަގައިދެވޭނެ ހަމައެއް ނެތް ކަމަށް އެ މައްސަލަބެއްލެވި މަޖިލީހުގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.