ޕެރިސް (އެޕްރީލް 17) : ސަތޭކަ އަށްވުރެ ގިނަ އިދިކޮޅު ޖަމާއަތާއި ސީރިޔާ ސަރުކާރާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ދެލައްކަ ވިހި ހާހަށްވުރެ ގިނަ މީހުން މަރުވެ ދެ މިލިޔަނެއްހާ މީހުން ޒަޚަމްވުމުގެ އިތުރުން މިލިޔަނެއްހާ މީހުން ޖިސްމާނީ ގޮތުން ނުކުޅެދޭ މީހުންނަށް ވެފައިވާ ކަމަށް ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް އިން ބުނެފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މިޖަމާއަތުން ބުނީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 11 ހާހަށްވުރެ ގިނަ ތުއްތުކުދިން މަރުވެފައިވާކަމުގައެވެ. އަދި ސްކޫލްތަކަށް ދިޔުމުގެ ފުރްސަތު ނުލިބޭ އަދި ލިޔަންކިޔަންވެސް ނުދަންނަ ކުދަކުދިންގެ ޖީލެއް ބޮޑުވަމުންދާ ކަމަށާ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް މި ޖަމާއަތުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ސީރިޔާ ސަރުކާރު ވައްޓާލުމަށް ސަތޭކަ އަށްވުރެ ގިނަ ޖަމާއަތް ހަނގުރާމަ ކުރަމުން ގެންދެއެވެ. ނަމަވެސް ސީރިޔާ ސަރުކާރު ވައްޓާލުމުގައި މިޖަމާއަތް ތައް ނާކާމިޔާބުވެފައިވަނީ އެއިން ކޮންމެ ޖަމާއަތަކީވެސް އަނެއް ޖަމާއަތުގެ ދުޝްމަނަކަށްވެފައި އިދިކޮޅު ޖަމާއަތްތަކުގެ މެދުގައިވާ ދެކޮޅުވެރިކަމާއި އަރާރުންތަކުގެ ސަބަބުންނެވެ.

ސީރިޔާގެ ރައްޔިތުންގެ އެތައް ލައްކަ ބަޔަކު މަރުވެ ދެ މިލިޔަނެއްހާ މީހުން ހާލުގައި ޖެހިފައިވާއިރު ނުވަ ވަރަކަށް މިލިޔަންމީހުންވަނީ ހާލުގައި ޖެހި ރެފިއުޖީންނަށް ވެފައެވެ. އަދި ސީރިޔާގެ ބޮޑެތި ސިޓީތަކާއި ވިލެޖްތައްވަނީ މުޅިން ކަހަލަ ގޮތަކަށް ސުންނާފަތިވެ ވީރާނާވެފައެވެ. އެތަށް މިލިޔަން ކުޑަކުދިންނެއް ޔަތީމްވެ ދެތިން މިލިޔަނަކަށްވުރެ ގިނަ އަންހެނުން ހުވަފަތްވެފައިވާ ކަމަށްވެސް ކަމާބެހޭ ތަފާސް ހިސާބުތައް ބުނެއެވެ.

ސީރިޔާގެ ރައްޔިތުންނަށް މިހާލުގައި ޖެހުމުގައި ސީރިޔާ ސަރުކާރުގެ އިތުރުން އިދިކޮޅު ޖަމާއަތްތަކާ އަދި އަވަށްޓެރި ގައުމުތަކުގެ ދައުރުވެސް ވަރަށް ބޮޑެވެ. ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ތެދުވުމަށް ތެދުވުމަށް ސޫރިޔާގެ ރައްޔިތުންނަށް ހިއްވަރު ދީފައިވަނީ ގަލްފުގެ އަރަބި ގައުމުތަކުންނާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. އެގައުމުތައް ހީކުރީ މިސްރުގެ ހުސްނީ މުބާރަކާއި ލީބިޔާގެ ގައްޒާފީއާއި ތޫނިސްގެ ޒައިނުލްއާބިދީން ބިން އަލީގެ ވެރިކަން ވެއްޓިގެން ދިޔަ ގޮތަށް ބައްޝާރުގެ ވެރިކަން ވެއްޓިގެން ދާނެކަމުގައެވެ.

ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމުން ކަންބޮޑުވި ގަލްފުގެ ބައެއް ގައުމުތައް ބައްޝާރުގެ ވެރިކަން ވައްޓާލަން ބޭނުންވީ އީރާނުގެ ބައިވެރިއަކަށް ބައްޝާރު ވުމުގެ ސަބަބުންނެވެ. އަނެއްކޮޅުން ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމުން މަރްޙަބާކިޔާފައިވާ އީރާނުންގެންދަނީ ބައްޝާރުގެ ޚުދުމުޚްތާރު ވެރިކަން ދެމެހެއްޓުމަށް އާދަޔާ ޚިލާފަށް މަސައްކަތްކުރަމުންނެވެ.

އެހެންކަމުން ސޫރިޔާގެ ރައްޔިތުންނަށް މިހާލު ޖެހި ސީރިޔާ މުޅިން ހަލާކުކޮށްލުމުގައާއި ސީރިޔާ ދާޚިލީ ހަނގުރާމަ ދެމެހެއްޓުމުގައި ބައްޝާރުގެ ސަރުކާރުގެ އިތުރުން ސީރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި އީރާނާއި ސައޫދީ އަރަބިޔާއާއި ގަތަރާއި ޔޫއޭއީ ފަދަ ގަލްފުގެ އަރަބި ގައުމުތަކުގެ އިތުރުން ޔޫރަޕާއި އެމެރިކާގެ ދައުރުވެސް ވަރަށް ބޮޑެވެ.

ނަމަވެސް މިހުރިހާ ގައުމުތައްވެސް މިހާރުވަނީ ސީރިޔާގެ ނިކަމެތި ރައްޔިތުންގެ މަތިން ހަނދާން ނައްތާލާފައެވެ. (ނޫސްއެޖެންސީތައް)