އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާ ގެޓް ސެޓް ލޯނު އަލުން އިވެލުއޭޓް ކުރުމަށް އިކޮނޮމިކް މިނިސްޓުރީއިން ނިންމައިފިއެވެ.

ގެޓް ސެޓް ޕުރޮގުރާމް ޔޫތް މިނިސްޓުރީއިން އިކޮނޮމިކް މިނިސްޓުރީއަށް މިހާރު ބަދަލުކޮށްފައިވާއިރު އިކޮނޮމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ސަން އަށް ވިދާޅުވީ އޭސީސީއިން ގެޓްސެޓް ޕްރޮގުރާމާއި ގުޅޭގޮތުން ކޮންމެ ގޮތަކަށް ނިންމިއަސް އަލުން އެޕުރޮގުރާމް އިވެލުއޭޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އޭސީސީއިން އެކަން ނިމޭނެ ގޮތެއް ނޭންގެ، މިނިސްޓަރު ބޭނުންފުޅުވަނީ އެކަން ކޮންމެ ގޮތަކަށް ނިމިގެން އަޔަސް، އަނެއްކާ ހުރިހާ ފޯމްތަކެއް އިވެލުއޭޓް ކުރުން،" ތައުފީގް ވިދާޅުވިއެވެ.

އޭސީސީއިން އެމައްސަލައާއި ގުޅޭގޮތުން ވަކި އެއްޗެއް އަދި އަންގާފައިނުވާއިރު ގެޓްސެޓް މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ އިވެއޭޓް ކުރުމުގައި ފާހަގަ ވެފައިވާ މައްސަލަތަކެއް ފެންމަތިކޮށްފައެވެ.

ގެޓްސެޓް ޕޮރޮގްރާމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ޕްރޮގްރާމް ވަނީ ފެބްރުއަރީ މަހު ތެރޭ ނިންމާލަފަ އެވެ. މި ޕްރޮގްރާމަކީ އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ ލޯނު ދޫކުރާ ޕްރޮގްރާމެކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓު އުޅެނީ ސުން ޕަސެންޓާއި އަށް ޕަސެންޓާ ދެމެދުގަ އެވެ.