އިންޓަޕޯލްގެ ރައީސް މރ. ކޫ ބޫން ހުއި މިއަދު ހެންދުނު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފި އެވެ.
މިއަދު ހެނދުނު ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއަޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ފަޞީހް އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޝްވާން އެވެ.

މރ. ކޫ ބޫން ހުއި ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ [އެންސީބީ]ގެ އިސްވެރިންނާ ބައްދަލުކުރައްވައި އެންސީބީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށެވެ. އަދި އިންޓަޕޯލް އެންސީބީގެ މަސައްކަތްތައް ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުން ވެސް އެމަނިކުފާނުގެ ދަތުރުފުޅުގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ސިންގަޕޫރުގެ ރައްޔިތެއް ކަމުގައިވާ މރ. ކޫ ބޫން ހުއި އަކީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިންޓަޕޯލްގެ ރައީސްގެ މަޤާމުގައި ހުންނެވި ބޭފުޅެވެ. އޭގެ ކުރިން އޭނާ ވަނީ އިންޓަޕޯލްގެ ނައިބު ރައީސްގެ މަޤާމު ވެސް ފުރުއްވާފައިފަ އެވެ.

މރ. ކޫ ބޫން ހުއި އަކީ ހާވަޑް އަދި އޮކްސްފޮޑް ޔުނިވަސިޓީ އިން ތަޢުލީމު ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ.