ގައުމެއް ތަރައްގީވެގެން އަންނަ އިރު އެ ގައުމެއްގެ "ގައުމީ ޝަހުސިއްޔަތަށް" ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުއްލިއްޔާގައި ރޭ ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ ބަވަނަވަމުންދާ ދުނިޔޭގައި ގައުމީ ޝަހުސިއްޔަތަށް އޭގެ ނޭދެވޭ އަސަރު ކުރާ "އެއް ބަހާ" އަކީ ބަސް ކަމަށެވެ. މަލީހު ވިދާޅުވީ ގައުމެއްގެ މާދަރީ ބަހަކަށް އެ ގައުމެއްގެ ޒުވާނުން ނުވަތަ ކިޔަވާ ކުދިން ބީރަށްޓެހިވެއްޖެ އޭގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި މާދަރީ ބަހަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޒުވާނުން ބީރަށްޓެހި "އެ ވެވެނީ" އެ ގައުމެއްގެ ތާރިހަށާއި ސަގާފަތަށް ކަމަށެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި. އިންސާނާ ވިސްނަނީ ބަހުން. ވަކިން ހާއްސަ ގޮތެއްގައި މާދަރީ ބަހުން. ގައުމެއް ވަކި ގައުމެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަންނަނީ ވަކި ކަންތައްތަކެއް ފުރިހަމަ ވެގެން. އެގޮތުން ދިވެހިރާއްޖޭގެ އެ ތަފާތަކީ ދިވެހި ބަސް، ދިވެހިންނަކީ ވަކި ބައެއްކަން ހަމައެކަނި އަންގައިދޭ އެއްޗަކީ ދިވެހި ބަސް. މި ސަބަބަށްޓަކައި ދިވެހި ބަސް ދެމިއޮންނަންޖެހޭ،" މަލީހު ވިދާޅުވި އެވެ.

ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ސުކޫލުތަކުން ނެރުނު ފާރު ނޫހުގެ ތެރެއިން އެންމެ ރަނގަޅު ފާރު ނޫސް ނެރުނު އަމީނިއްޔާ ސުޅޫލަށް ތަށި ހަވާލުކުރަނީ: ސަން ފޮޓޯ/ އަލީ ނަސީރު

މަލީހު ވިދާޅުވީ މިއަދު ރާއްޖެއިން ފެންނަމުންދާ ކަންތައްތަކުން ދިވެހިން ހިތާމަ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ބައެއް ބެލެނެވެރިން އެ މީހުންގެ ދަރިންނާ އިނގިރޭސި ބަހުން ނުވަތަ ކޮންމެ ވެސް ބިދޭސީ ބަހަކުން ވާހަކަދައްކަމުންދާ ކަމަށެވެ. ގައުމެއްގެ މާދަރީ ބަހަކީ އެ ގައުމެއްގެ ކުޑަކުދިންގެ ކިބައިގައި ގައުމީ ސަގާފަތާ އާދަކާދަ އަށަގެންނެވުމަށް ވަރަށް މުހިއްމު އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޒަމާނުގެ ދިރާސާތަކުން ބުނާ ގޮތުން ޅަފަތުގައި މާދަރީ ބަހަށް އަހުލުވެރިވާ ކުދިންގެ ވިސްނުން ތޫނު. އަދި ދެ ވަނަ ބަހެއް ދަސްކުރަން ފަސޭހައީ ވެސް މާދަރީ ބަހުން ބަސް އެނގިގެން. ތުއްތު ކުދީންނަށް ސާފު ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނުމުގައި މައިންބަފައިންގެ ޒިންމާ ވަރަށް ވެސް ބޮޑު. އަޅުގަނޑުމެންގެ ވެށީގައިވާ ގަސްގަހާ ގެއްސާ މަސްމަހާ މެއްސާ މާމެލާ މެއްޔާ އަދި އެ ނޫން ތަކެތީގެ ނަންތައް އެކުދިންނަށް ސާފު ދިވެހި ބަހުން ދަސްކޮށްދިނުމަކީ އެކުދިންގެ ވިސްނުން ތަރައްގީ ވާނެ ކަމެއް،" މަލީހު ވިދާޅުވި އެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން މިނިސްޓަރު މަލީހަށް ހަނދާނީ ފިލައެއް ހަވާލުކުރަނީ: ސަން ފޮޓޯ/ އަލީ ނަސީރު

މިރޭގެ ޖަލްސާގައި ވަނީ ފޮޅުވަތް ކިއާ މުޅިން އާ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފައި އެވެ. މި އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އެވެ. އެޕްލިކޭޝަން ތައާރަފްކޮށްދިނުމަށްފަހު އަޝްރަފު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދިވެހި ބަސް ފޯރުކޮށްދިނުމުގައި ދިވެހިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ދިވެހި ބަހުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.