17 Apr 2015, 01:27
ދުނިޔޭގެ އެންމެ ދުވަސްވީ އެއް ޓެނިސް މުބާރާތުގެ ތެރޭގައި ހިމެނޭ މޮންޓޭ ކާލޯ މާސްޓާސް ޓެނިސް މުބާރުތުން އެމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޓެނިސްލާސް ވަވަރިންކާއާއި ރޮޖާސް ފެޑްރާ ކަޓައިފިއެވެ.
ސުވިޒަލެންޑަށް އުފަން ވަވަރިންކާ މުބާރާތުގެ ފަހު 16 އަށް ނުގޮސް ކެޓީ ތިން ވަނަ ބުރުގައި ބަލްގޭރިއާގެ ގުރިގޯ ޑިމްޓްރޯވްއާ ބައްދަލު ކުރި މެޗްގައެވެ.
މިމެޗްގެ ސެޓްތައް ޑިމްޓްރޯވް ކާމިޔާބުކުރީ 6-1 އަދި 6-2 ންނެވެ.

މޮންޓޭ ކާލޯ މާސްޓާސް ޓެނިސް މުބާރުތުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ކުރިން ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިޔާ ފެޑްރާ ބަލިވީ މުބާރާތް ބާއްވާ ފްރާންސްގެ ގައެލް މޮންފިލްސްއާ ބައްދަލުކޮށެވެ.
ވާދަވެރިކޮށް ދިޔަ މިމެޗް މޮންފިލްސް ކާމިޔާބު ކުރީ 6-4 އަދި 7-6 ންނެވެ.
ވަވަރިންކާއާއި ފެޑްރާ މުބާރާތުން ކެޓިއިރު މިހާރު ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮވިކްއާއި ސްޕެއިންގެ ރަފޭލް ނަޑާލްވަނީ ފަހު ސޯޅައިގެ ޖާގަ ކަށަވަރުކޮށްފައެވެ.
ޖޮކޮވިޗް ފަހުސޯޅއަށް ދަތުރުކުރީ އޮސްޓްރިއާގެ އަންޑްރެސް ހާޑިއާ މުރޭރާއާ ވާދަކޮށެވެ. މިމެޗްގެ ފުރަތަމަ ސެޓް 6-4 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓްގައި ޖޮކްވިޗް ކާމިޔާބު ކުރީ މުރޭރާއަށް އެންމެ ޕޮއިންޓެއްވެސް ހޯދުމުގެ ފުރުސަތު ނުދީއެވެ.
ފަހު ސޯޅައިގެ މެޗްގައި ޖޮކޮވިޗް ބައްދަލު ކުރަނީ އަށް ވަނަ އަށް ސީޑްކޮށްފައިވާ ކޮރޭޝިއާގެ މާރިން ކިލްކްއާއެވެ. ކިލިކް ގަދަ ސޯޅައަށް ދަތުރު ކުރީ ފުރާންސްގެ ޖޮ ވިލްފްރެޑްއާ ބައްދަލުކޮށެވެ.

މޮންޓޭ ކާލޯ މާސްޓާސް ޓެނިސް މުބާރުތުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ނަޑާލް ފަހު ސޯޅައަށް ދަތުރުކުރީ އެމެރިކާގެ ޖޯން އިސްނާއާ ވާދަކޮށެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މިމެޗްގެ ފުރަތަމަ ސެޓް ނަޑާލް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓް ކާމިޔާބު ކުރީ އިސްނާއެވެ. ނަޑާލް މޮޅުވީ ތިން ވަނަ ސެޓްގައެވެ.
ނަޑާލް ބައްދަލު ކުރާނީ ސްޕެއިންގެ ޑޭވިޑް ފެރާރްއާއި ފްރާންސްގެ ގެލަސް ސިމޯން ބައްދަލު ކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.