ލޯން އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ސްޕެއިންގެ ރެއާލް މެޑްރިޑަށް މި ސީޒަންގައި ބަދަލުވި މެކްސިކޯގެ ފޯވާޑް ހާވިޔާ ޗިޗަރީޓޯ ހެނާންޑޭޒް އަންނަ ސީޒަންގައި ސައުތުހެމްޓަނަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތަތައް ބުނެފި އެވެ.

ކުޅިވަރު ކަވަރު ކުރާ މަޝްހޫރު ނިއުސް ނެޓްވޯކް އީއެސްޕީއެން އިން ބުނީ ޗިޗަރީޓޯ އެނބުރި ޕްރިމިއަލީގަށް އަންނައިރު، ޔުނައިޓެޑުން އޭނާ ސައުތުހެމްޓަނަށް ދޫކުރަނީ އޯލްޑްޓްރަފާޑަށް ގެންނަން އެޓީމުން ބޭނުންވާ، ސައުތުހެމްޓަންއަށް ކުޅެމުންދާ އިނގިރޭސި ގައުމީ ޓީމުގެ ކާނާތު ބެކް، ނިތޮނަލް ކްލައިން ގެނައުމަށްވާ އެއްބަސްވުމުގެ ދަށުންކަމަށެވެ.

ސައުތުހެމްޓަނުން ބުނަނީ ކްލައިން ދޫކުރެވޭނީ 20 މިލިއަން ޕައުންޑަށް ކަމަށެވެ. ނަމަވެސް ޔުނައިޓެޑުން އެއަގު ދޭކަށް އެއްބަހެއް ނުވެއެވެ.

އެހެންކަމުން ކްލައިން ގެނައުމަށް ބޭނުންވާ އެއްބަސްވުމަށް ޗިޗަރީޓޯ ދޫކުރުމުން ސައުތުހެމްޓަނުން ހުށަހަޅާފައިވާ އެއަގު ދަށް ކުރާނެކަމަށް ބެލެވޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗިޗަރީޓޯ ސައުތުހެމްޓަނުން ބަދަލުވެއްޖެނަމަ އެކަން ވެގެންދާނީ އޭނާއަށްވެސް ލިބޭ ފައިދާއަކަށެވެ. އެއީ ރެއާލް މެޑްރިޑްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އޭނާއަށް ދަތިވުމުން، ސައުތްހެމްޓަނަށް ބަދަލުވެއްޖެނަމަ ފުރަތަމަ އެގާރައިން ފުރުސަތު ލިބިގެންދާނެތީ އެވެ.

މިސީޒަންގައި ރެއާލް މެޑްރިޑަށް ބަދަލުވިއިރު އޭރު ޗިޗަރީޓޯ ބުނެފައިވަނީ ރެއާލް އެޓީމަށް ބަދަލުވުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާއަށް އެޓީމްގައި ކުޅެން ލިބުނީ އެންމެ 16 މެޗްގައެވެ.

އޭނާގެ އުފަން ސީޓީގެ ކުލަބް 'ޗިވާސް ޑި ގުލަޖަރ' އިން ކެރިއާ ފެށި ޗިޗަރީޓޯ މެންޗެސްޓާ ޔުނޭޓަޑަށް ބަދަލުވީ 2010 ވަނަ އަހަރުއެވެ. އިނގިރޭސި ލީގުގައި ކުޅުނު 154 މެޗްގައި އޭނާ ވަނީ 59 ގޯލް ޖަހައިދީފައެވެ.

އަދި އޭނާ ވަނީ ޔުނައިޓެޑަށް ދެ ފަހަރެއްގެމަތިން ލީގު ކަޕާއި ތިން ފަހަރެއްގެމަތިން ކޮމިޔުނިޓީ ޝީލްޑްގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި އެހީތެރިވެދީފައެވެ.