ޕާކިސްތާނުގެ ކްރިކެޓަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށް އެ ގައުމުގެ ކެޕްޓަން ޝާހިދު އަފްރީދީ ބުނެފި އެވެ.

މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ކެންޔާއާ ބައްދަލު ކުރުމުގެ ކުރިން އަފްރީދީ ބުނީ ޕާކިސްތާނުގެ ކޮންމެ ކުޅުންތެރިއަކު ވެސް މޮޅުވާން ކުރަން ޖެހޭ ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށާއި ގައުމުގެ އިހްސާސްތައް ކުޅުންތެރިންނަށް އެނގޭ ކަމަށެވެ.

ލަންކާ އާއި އިންޑިޔާ އަދި ބަނގްލަދޭޝްގައި މިހާރު ކުރިއަށްދާ މުބާރާތް، ކުރިން ބާއްވާ ގޮތަށް އޮތީ ޕާކިސްތާން ވެސް ހިމަނައިގެން މި ހަތަރު ގައުމުގަ އެވެ. ނަމަވެސް ވޯލްޑް ކަޕް މެޗުތައް ބޭއްވުމުގެ ރައިޓްސް އެ ގައުމުގެ އަތުން ނެގީ 2009 ވަނަ އަހަރު ސްރީލަންކާ ޓީމު ޕާކިސްތާނަށް ކުރި ޒިޔާރަތުގައި ޓެރަރިސްޓުންގެ ބަޔަކު މޯޓަރު ބަޑިން ލަންކާ ކުޅުންތެރިންނަށް ހަމަލާދިނުމާ ގުޅިގެންނެވެ. އަފްގާނިސްތާނާ އިންވެގެން އޮންނަ މި ހާދިސާ އަށް ފަހު ޕާކިސްތާނުގައި އެކުވެރިކަމުގެ މެޗެއް ކުޅެން ވެސް، އެހެން ގައުމުތަކުން ވެސް ދެކޮޅުހަދަ އެވެ.

"އަހަރުމެންނަ އެނގޭ އަހަރުމެންގެ ގައުމުގައި (ކްރިކެޓް މެޗުތައް)ނުކުޅޭކަން. އެކަން އަހަރުމެންގެ ހިތުގައި އެބައޮތް. އެކަމަކު އަހަރުމެން ތަށި ހޯދައިފިއްޔާ މިކަން ނުހަނު އަވަހަށް ބަދަލުވާނެ ކަމަށް އުއްމީދު ކުރަން. ގައުމުގެ އެންމެންގެ އިހުސާސްތަކާއި އެމީހުން ބޭނުންވާ ގޮތް އެނގިތިބެ ކުޅެން މި ނުކުންނަނީ،" 20ޓުވެންޓީ މުބާރާތް 2009 ވަނަ އަހަރު ޕާކިސްތާނަށް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ބުންޏެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުގައި ޕާކިސްތާނަށް ދިމާވީ ވަރަށް ހިތްދަތި ގޮތެކެވެ. ފުރަތަމަ ބުރުން ކަޓަން ޖެހުނު އިރު އަޔަލޭންޑް އަތުން ބަލިވި މެޗަށް ފަހު، ޖެހިގެންއައި ދުވަހު އެއިރުގެ ކޯޗު ބޮބް ވޫލްމާ އޮތީ ކޮޓަރީގައި މަރުވެފަ އެވެ. މި ހާދިސާ ތަހުގީގު ކުރި ޓީމުން އަދިވެސް މަރުގެ އަސްލު ހާމަކޮށްފައިނުވެ އެވެ. އަދި ރިޝްވަތުގެ މައްސަލާގައި ދާދި ފަހުން ޕާކިސްތާނުގެ މުހިންމު ތިން ކުޅުންތެރިއަކު ވަނީ ދިގު މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ.
މި ފަދަ މައްސަލަތަކުގެ ތެރޭން ނުކުތަސް އަފްރީދީ ބުނީ ޕާކިސްތާނަކީ ކްރިކެޓްގެ ގަދަ ބާރެއް ކަމަށެވެ.
"މި ފަދަ މައްސަލަތައް ކުރިމަތިވެ، މުބާރާތް ކުޅުމަކީ ފަސޭހަ ކަމެއްނޫން. އެކަމަކު އަހަރުމެންނަކީ އަބަދުވެސް ގަދަ ބާރެއް. އެއްވެސް މީހަކު ބޭނުމެއްނުވޭ އަހަރުމެން ސެމީ ފައިނަލް ކުޅޭކަށް. ތަށި ބޭނުމީ. މިއީ އަހަރުމެން އަލުން އެކަތިގަނޑަކަސްވާނީ ވަގުތު،" އަފްރީދީ ބުންޏެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކުރިން ހީނުކުރާފަދަ ގޮތަކަށް ނިއުޒީލޭންޑް އަތުން ކެންޔާ ބަލިވެފައިވުމަކީ އެ ގައުމާމެދު ފަރުވާ ކުޑަކުރަންޖެހޭ އެއްވެސް ސަބަބެއް ނޫން ކަމަށް ވެސް އަފްރީދީ ބުންޏެވެ.

"އަހަރުމެން ފުރިހަމަ އަށް އިހްތިރާމް ކުރަން. ކެންޔާ މެޗު ފަސޭހަކޮށްގެން ފަރުޖައްސާނުލެވޭނެ. އަހަރުމެން އައީ މޮޅަށް ކުޅެ. ޕްރޮފެޝަނަލް ކަމާއެކު ތަށި ހޯދަން،" އަފްރީދީ ބުންޏެވެ.

1992 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށް 1999 އަހަރުގެ މުބާރާތުގެ ފައިނަލް ކުޅުނު ޕާކިސްތާނަކީ ކްރިކެޓްގައި އެންމެ ގިނަ ދިވެހިން ސަޕޯޓްކުރާ ގައުމެވެ.