16 Apr 2015, 17:03
ޖަކާޓާ (އެޕްރީލް 16) : ގޭގައި ގެންގުޅޭ ޚާދިމާއެއްގެ ގޮތުގައި ސައޫދީ އަރަބިޔާގައި މަސައްކަތްކުރަމުން ދިޔަ އިންޑޮނީޝިޔާގެ އަންހެނެއް ކަމަށްވާ ސިއްތި ޒައިނަބް އަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދިނުމުން ޖަކާޓާގައި ހުންނަވާ ސައޫދީ ސަފީރު މުސްތަފާ އިބްރާހީމް އަލްމުބާރަކް އިންޑޮނީޝިޔާގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށްފި އެވެ.
އިންޑޮނީޝިޔާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި ސިއްތި ޒައިނަބަށް މަރުގެ އަދަބު ދިނީ މަރުގެ އަދަބު ތަންފީޒުކުރާކަން އޭނާގެ ޢާއިލާއަށް އެންގުމަކާ ނުލަ އެވެ. ސައޫދީ ސަފީރު މުސްތަފާ އިބްރާހީމް އަލްމުބާރަކް ހާޒިރުކުރީ މިމައްސަލާގައި ސައޫދީ ސަރުކާރަށް އިޙްތިޖާޖް ކުރުމުގެ ގޮތުން އިޙްތިޖާޖްގެ ސިޓީއެއް އޭނާއާ ހަވާލުކުރުމަށް ޓަކައި ކަމަށް އިންޑޮނީޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނަކު ވިދާޅުވި އެވެ.
ސިއްތި ޒައިނަބް ކިޔާ މިއަންހެންމީހާއަށް މަރުގެ އަދަބު ދިނީ ސައޫދީ އަންހެނަކު މެރިކަމުގެ ކުށްސާބިތުވެގެން ސައޫދީ ކޯޓަކުން އޭނާގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ. މަރުގެ އަދަބު ދީފައިވަނީ އޭނާގެ ބޯކަނޑައިގެން މަދީނަތުލްމުނައްވަރާގަ އެވެ. ސިއްތި ޒައިނަބް ގެ މައްޗަށް ސާބިތުވެފައި ވަނީ އޭނާގެ ސާހިބު އަންހެންމީހާ (އޭނާ ގެންގުޅު ގޭގެ ވެރިމީހާގެ އަންހެނުން ކަމަށްވާ ނޫރާ އަލްމަވާރިބާ) އަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލުމަށް ފަހު އެމީހާގެ ގަޔަށް ހޫނުފެންއަޅައިގެންނާ އަދި އެވަރުން ނުފުދިގެން އެއަންހެންމީހާގެ ގަޔަށް ޝެލްޓޮކްސް ވެސް ޖަހައިގެން އަންހެންމީހާ މަރާލުމުގެ ކުށެވެ. ސިއްތި ޒައިނަބް މިޖަރީމާ ހިންގާފައި ވަނީ 1999 ވަނަ އަހަރު އެވެ.
ސާހިބު އަންހެންމީހާ މިހާ އަނިޔާވެރި ގޮތަކަށް މަރާލި ކަމަށް ވަނީ އެއަންހެންމީހާ ސިއްތި ޒައިނަބް އަށް އެކިގޮތްގޮތުން ގޯނާކޮށް ނިކަމެތިކޮށް އިންސާނީ ކަރާމާތް ގެއްލޭފަދަ ހުތުރު ބަސްތަކާއި ނަފްރަތުގެ ބަސްތަކުން މުއާމަލާތް ކުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ސިއްތި ޒައިނަބަށް ކުރިމަތިވި ބަދަލު ހިފުމުގެ ނަފްސާނީ ހާލަތާ ގުޅިގެންކަމަށް މިކަމާ ބެހޭ ތަހްގީގީ ރިޕޯޓްތައް ބުނެ އެވެ.
ސިއްތި ޒައިނަބުގެ ރުޅި އިންތިހާއަށް ގަދަވެ ސާހިބު އަންހެންމީހާގެ ގާތިލަކަށް އޭނާ ބަދަލުވި ސާހިބު އަންހެން މީހާގެ ޖެއްސުން ކުރުންތަކާއި ސިއްތި ޒައިނަބާމެދު ހިންގަމުން ގެންދިޔަ އިހާނާތްތެރި ލާއިންސާނީ އަމަލުތައް ތަކުރާރުވަމުން ދިޔުމުގެ އިތުރުން އެކަމުން ސަލާމަތް ވުމަށް ކުރެވޭނެ އިތުރު ކަމެއް ނެތުމުންކަމަށް ވެސް ތަހްގީގްތަކުން ހާމަވެފައިވާ ކަމަށާއި ނަމަވެސް ސިއްތި ޒައިނަބު މިޖަރިމާ ހިންގީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަން ތަހްގީގަށް ހާމަނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސައޫދީ އަރަބިޔާގެ ގެތަކުގައި މަސައްކަތް ކުރާ އަންހެން ޚާދިމާއިން އެމީހުންގެ ސާހިބު އަންހެނުންނާއި ދަރިންނާ އަދި ގޭގެ ބޮޑު ފިރިހެން މީހާ އަށް ވަޅިން ހަމަލާދީ މެރުމުގެ ޖަރީމާތަކަކީ ވަރަށް ގިނަ ހިނގާ ޖަރީމާ ތަކެކެވެ. މިފަދަ ޖަރީމާތައް ހިންގާ ހިސާބަށް ގެންގުޅޭ މީހުންގެ ސުލޫކު ދަނީ ސައޫދީ އާއިލާތަކުން ގެންގުޅޭ ޚާދިމާއިންނާމެދު މުޢާމަލާތްކުރާ އިހާތާންތެރި ގޮތްތަކުގެ ސަބަބުން އެޚާދިމާއިން ރުޅިގަދަވެ ނަފްސާނީ ހާލަތްތަކަށް ގޮސްގެންކަން ސައޫދީގައި ކޮށްފައިވާ މިފަދަކަންކަމާ ބެހޭ ދިރާސާތަކުން ވެސް ވަނީ ހާމަވެފަ އެވެ. ސައޫދީ ބައެއް އާއިލާތަކުގެ މިފަދަ ހަރުކަށި އަމަލުތަކުގެ ސަބަބުން ޚުދު އެއާއިލާތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބި އަދި ޚާދިމާއިންގެ ގޮތުގައި މަސައްކަތްކުރާ ބޭރުގައުމުތަކުގެ އަންހެނުންވެސް ގާތިލުންނަށް ބަދަލުވަމުންދާކަމީ ހިތާމަ ހުރިކަމެއްކަން ސައޫދީ އިޖްތިމާއީ އިލްމުވެރިންވެސް ފާހަގަ ކުރައްވަ އެވެ. ނަމަވެސް ގަސްދުގައި މީހަކު މެރުމަކީ އިސްލާމީ ޝަރީޢަތުގައި މަރުގެ އަދަބު ދޭންޖެހޭ ކުށަކަށްވާތީ މިފަދަ ޙާލަތްތަކުގައިވެސް ގަސްދުގައި މީހަކު މެރިކަން ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތާ އެއްގޮތަށް ސައޫދީ އަރަބިޔާގައި އެމީހަކަށް މަރުގެ އަދަބު ދެއެވެ.
ސައޫދީ އަރަބިޔާއަކީ އިސްލާމީ ޝަރީޢަތުގައިވާ އަދަބުތައް ތަންފީޒުކުރާ ގައުމަކަށްވާތީ މަރާލެވުނު މީހާގެ އާއިލާގެ މީހުން (ވާރިޘުން) މަރުގެ ދިޔަ ގަބޫލުކޮށްފި ނަމަ އިސްލާމީ ޝަރީއަތާ އެއްގޮތަށް އެމީހެއްގެ ފުރާނަ ސައޫދީގައި ސަލާމަތް ވެސް ވެ އެވެ. 2014 ވަނަ އަހަރުގައި ހިނގި މިފަދަ ޙާދިސާއެއްގައި މީހަކު މެރިކަމުގެ ކުށް ސާބިތުވި އިންޑޮނީޝިޔާގެ އަންހެނަކު ވަނީ މަރުގެ ދިޔަ ދީގެން ސަލާމަތް ވެފައެވެ. 2014 ވަނަ އަހަރުގައި ހިނގި ޙާދިސާގައި މަރާލެވުނު ސައޫދީ އެއަންހެން މީހާގެ އާއިލާއިން މަރުގެ ދިޔައަށް އެދުނީ 1.9 މިލިޔަން ޑޮލަރަށެވެ. އިންޑޮނީޝިޔާ ސަރުކާރުން މިފައިސާ އެއާއިލާއަށް ދެއްކުމުން ސައޫދީ ސަރުކާރުންވަނީ އިންޑޮނީޝިޔާގެ ޚާދިމާގެ ފުރާނަ ސަލާމަތް ކޮށްދީފަ އެވެ.
މިފަދަ މައްސަލަތަކުގައި ސައޫދީ އަރަބިޔާއާއި އިންޑޮނީޝިޔާ ދެމެދު ގުޅުންތައް ބައެއްފަހަރު ވަރަށް ބޮޑަށް ގޯސްވެއެވެ. ސިއްތި ޒައިނަބް ގެ މަރުގެ މައްސަލާގައިވެސް މަރުގެ ދިޔަ ދީގެން އޭނާ ސަލާމަތް ކޮށްދިނުމަށް އިންޑޮނީޝިޔާ ސަރުކާރުން ސައޫދީ ސަރުކާރުގައި އެދުނެވެ. އަދި އިންޑޮނީޝިޔާގެ މިހާރުގެ ރައީސް އާއި ކުރީގެ ދެ ރައީސުންވެސް މަރުގެ ދިޔަ ދީގެން ޒައިނަބުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް އެދި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަށް ސިޓީފުޅުތައް ފޮނުވައި އިލްތިމާސްތައްވެސް ކުރިއެވެ. ނަމަވެސް މަރާލެވުނު ސައޫދީ އަންހެންމީހާގެ ވާރިޘުން ބޭނުންވީ މަރަށް މަރެވެ.
އެހެންކަމުން އިއްޔެވަނީ ސިއްތި ޒައިނަބް ގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ. 1999 ވަނަ ހިންގި މަރުގެ ޖަރީމާއަކަށް މިހާ ލަހުން މަރުގެ އަދަބު ދިނީ މަރާލެވުނު އަންހެންމީހާގެ ދަރިން ކުޑަކަމުން އެމީހުންގެ މަންމަގެ މަރުގެ ދިޔައާމެދު އެމީހުންނަށް ގޮތެއްނުނިންމިގެން ކަމަށްވެއެވެ. އެކުދިން ބޮޑެތިވެ ތަސައްރަފް ފުދުމުން ނިންމި ކަމަށްވަނީ މަންމަގެ މަރުގެ ބަދަލުގައި އިންޑޮނީޝިޔާގެ ޚާދިމު އަންހެންމީހާ (ސިއްތި ޒައިނަބު) މަރާލުން ކަމަށްވާތީ ސައޫދީ ސަރުކާރުން ސިއްތި ޒައިނަބުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރީކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ. (ނޫސްއެޖެންސީތައް)