ވ. ރަކީދޫގައި މަރާލާފައި އޮއްވައިފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވި ދުވަހުގެ ކުރީ ދުވަހު އެ ކުއްޖާއަށް ޖޫސްތައްޓެއް ދިނުމުގެ އިތުރުން ރޭގަނޑުވަންދެން ކާއެއްޗެއް ނުދީ ހުރިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް ޢަބްދުﷲ ސަތީޙް ވިދާޅުވީ އެދުވަހު އިބްތިހާލަށް ކާންދީފައި ވަނީ އިރުއޮއްސުނުފަހުން އިބްތިހާލްގެ ދޮންބައްޕަ ކަމަށެވެ.

"މުޙައްމަދު އިބްތިހާލް ނިޔާވުމުގެ ކުރީ ދުވަހު، 2015 ޖެނުއަރީ 27 ވަނަ ދުވަހުގެ ހެނދުނު މުޙައްމަދު އިބުތިހާލަށް ޢާފިޔާ މުޙައްމަދު މަނިކު ޖޫސްތައްޓެއް ދިނުމުގެ އިތުރުން އެރޭގެ އިރުއޮއްސިގެންގޮސް ދޮންބައްޕަ ގެއަށް އައިސް ކާއެއްޗެއް ދިނުމާއި ހަމައަށް މުޙައްމަދު އިބުތިހާލް ހުރީ ނުކައި ނުބޮއެކަން ތަޙްޤީޤަށް ފާހަގަ ކުރެވުނު،" ސަތީހު ވިދާޅުވި އެވެ.

ސަތީހު ވިދާޅުވީ އާފިޔާގެ އިތުރު ހަތަރު ދަރިން ތިބިއިރު އޭނާ އަނިޔާކޮށްފައިވަނީ ހަމައެކަނި އިބްތިހާލަށް ކަމަށެވެ. އަދި އިބްތިހާލާ މެދު އާފިޔާ ތަފާތުކުރުންތަކެއް ގެންގުޅެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކަށް ބަލާއިރު މިދެންނެވުނު ގޮތަށް ޢާފިޔާ މުޙައްމަދު މަނިކު، އަނިޔާ ކުރަނީ މުޅިންވެސް މުޙައްމަދު އިބުތިހާލަށް ކަމާއި، ދެންތިބި ދަރިންނާ މުޙައްމަދު އިބުތިހާލް އާއި ވަރަށް ބޮޑަށް ތަފާތު ކުރުންތަކެއް ގެންގުޅެފައިވާ ކަން އެނގުނު. އެގޮތުން އެހެން ދަރިންނަށް ކާންދޭއިރު މުޙައްމަދު އިބުތިހާލަށް ފަހަކަށް އައިސް ކާންދިނުމުގައި އިހުމާލުވެފައި ވުމާއި، ނުތާހިރު ކަންމަތީގައި ދުވަހުގެ ގިނަވަގުތުތަކުގައި ބަހައްޓާފައި ހުންނަ ކަން ފާހަގަކުރެވޭ،" ސަތީހު ވިދާޅުވި އެވެ.

އިބްތިހާލަށް އާފިޔާ އަނިޔާކުރުމުގެ މައިގަނޑު ސަބަބަކީ އިބުތިހާލާއި އާފިޔާއާ ބެހޭގޮތުން ރަށުތެރޭގައި އެކިއެކި މީހުން ދައްކާ ނޭދެވޭ ވާހަކަ ތަކުގެ ސަބަބުން އާފިޔާގެ ހިތުތެރޭގައި އުފެދެމުން ދިޔަ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށް ތަހުގީގަށް ފާހަގަކުރެވުނު ކަމަށް ވެސް ސަތީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާފިޔާ ދިން އަނިޔާތަކުގެ އިތުރުން ވެސް ތަފާތު އެކިދުވަސްތަކުގައި އެކިފަހަރުމަތިން އެކިއެކި މީހުންގެ ފުށުން ޖިސްމާނީ އަދި ނަފްސާނީ އެކިކަހަލަ އަނިޔާތައް ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އިބުތިހާލްގެ ހަށިގަނޑު ބެއްލެވުމަށްފަހު ޑޮކްޓަރު ދެއްވި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނޭވާހާސްކުރުމުގެ ގޮތުން ކަރުގައި ހިފާފައިހުރިކަމަށް ބެލެވޭ ނިޝާންތަކެއް އެކުއްޖާގެ ކަރުން ފެންނަން ހުރި ކަމަށާއި އަދި އެކުއްޖާގެ ކަނާތްފަރާތު ނިތްކުރިއާ ދިމާލުން ބައެއް ދުޅަވެފައި ހުރި ކަމަށް ވެސް ސަތީހު ވިދާޅުވި އެވެ.

އަދި އިބްތިހާލްގެ މޫނުމަތީގައި އެކިވަރުގެ ކުދި ޒަޚަމްހުރި ކަމަށާއި ކަނާތު ކަންފަތުގައި ފާރުގަނޑެއް ހުރުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެކިފަހަރުމަތިން ލިބިފައިވާ އަނިޔާގެ ލަކުނުތައް ފެންނަން ހުރި ކަމާއި މޭކަށިތަކުން ބައެއް ކަށިތައް ބިންދައިގެން ގޮސްފައިހުރިކަން ފާހަގަ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.