މާފުއްޓާއި ހިންމަފުށީ އައްސޭރި ޖަލުގައި ތިބޭ ގައިދީންގެ ހުނަރުވެރިކަން ދައްކާލުމަށް މައުރަޒެއް ހުޅުވައިފި އެވެ.

ނޭޝަނަލް އާޓް ގެލެރީގައި މިއަދު އެ މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ޝަރަފުވެރި މެހްމާން، ފިޝަރީޒު މިނިސްޓަރު މުހައްމަދު ޝައިނީ އެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މައުރަޒަކީ 2009 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މައުރަޒެކެވެ.

މައުރަޒުގެ ރަސްމީކޮށް ހުޅުވާދެއްވާފައި ވަނީ ފިޝަރީޒު މިނިސްޓަރު މުހައްމަދު ޝައިނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ޖަލާ ގުޅިގެން ކުރިއަށް ގެންދާ އެ މައުރަޒުގައި ގައިދީންގެ އަތްތެރި މަސައްކަތްތަކާއި އެމީހުންގެ ކުރެހުންތައް ފެނިގެންދާނެ އެވެ. އޭގެ އިތުރުން ހައްދާފައިވާ ބަގީޗާ ގަސްތަކާއި މޭވާ އަދި ތަރުކާރީ ވެސް އެ މައުރަޒުން ލިބިގެން ދާނެ އެވެ.

ޖުމްލަ 830 އައިޓަމް އެ މައުރަޒުގައި ހިމެނޭ އިރު އެއީ ގައިދީންގެ އެއް އަހަރުގެ މަސައްކަތެވެ.

އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަސް ތެރެއިން، އަތްތެރި މަސައްކަތުގެ ތަކެތިތައް ވިއްކަން ލިބޭނީ އެންމެ ފަހު ދުވަހު ކަމަށް އެގްޒިބިޝަން ރާވާ ކުރިއަށް ގެންދާ ފަރާތުން ވަނީ ބުނެފަ އެވެ. އެހެން ކަމުން ފުރަތަމަ ދެ ދުވަހު ވިއްކުމަށް ހަމަޖެހިފައި ވަނީ ތަރުކާރީ ފަދަ ބާވަތުގެ ތަކެއްޗެވެ.

މިއަދު ބޭއްވި މައުރަޒުގެ ރަސްމީކޮށް ހުޅުވާދެއްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު ޝައިނީ މުހައްމަދު--- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި، މިދިޔަ އަހަރު ސެޕްޓެބަރު މަހު ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ވަނަ ވަނަ އަށް އައި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލު ކޮށްފަ އެވެ.

އެ މުބާރާތުގެ ހަތަރު ވަނަ އަށް ފަސް ފަރެއް ހޮވާފައިވާ އިރު ތިން ވަނައަށް އައީ ނިމާލް އިބްރާހިމް އެވެ. ދެވަނައަށް އައިސްފައި ވަނީ ހުސައިން ޝިޔާޒް އެވެ. މުބާރާތުގެ އެއްވަނަ އަށް އައިސްފައި ވަނީ ވެސް ތިންވަނަ ލިބުން ނިމާލް އެވެ. އޭނާ ވަނީ މުބާރާތުގައި ފަސް ކުރެހުން ހުށަހަޅާފަ އެވެ.